ޚަބަރު
ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ 4 ވަނަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފި
ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން
ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ 4 ވަނަ ބުރު ނިންމާލުމަށްފަހު ބައިވެރިންނަށް ސަނަދު ހަވާލުކޮށްފިއެވެ.
މިއީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިސްނަގައިގެން، ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ މަޤްޞަދުގައި ބާއްވާ ޕްރޮގްރާމެކެވެ. މި ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 82 ފަރާތަކުން ބައިވެރިވެފައިވާކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
ރާއްޖޭގެ ރަށްތަކުގައި ޚުޠުބާ ކިޔާނެ އިމާމުން ހޯދުމަށް އޮތް ގޮންޖެހުންތައް ފިލުވުމާއި ކުރިއަށް އޮތް ޤަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުންމަކީ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ އެންމެ ބޮޑުއެއް މަޤްސަދުކަން މިނިސްޓްރީން ފާހަގަކުރެއެވެ. މިއީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ދާއިމީ އިމާމުން ނެތި މިސްކިތްތަކުގައި ތިބި ވަގުތީ އިމާމުންގެ މައްސަލަ ހައްލުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް ލަފާކުރެވެއެވެ.
އަދި ހަމަ އެއާއިއެކު، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުގެންދާތީ އެ މުނާސަބަތާ ގުޅިގެން، ޒުވާން ޚަޠީބުންނާއި އިމާމުންނާއި ޙާފިޒުންނަށް ޚާއްޞަ މަހާސިންތާ އެއް ބޭއްވުމަށް މަސައްކަތްކުރަމުންދާކަން ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މަހާސިންތާ ޝަރަފްވެރިކޮށް ދެއްވުން އެދި މެހެމާނަކަށްވުމަށް، މައްކާގެ ޙަރަމްފުޅުގެ އިމާމު ޑރ ޔާސިރް އައްދައުސަރީއަށް ދައުވަތު ދެއްވާފައިވާކަން އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެ ވުޒާރާއިން ވަނީ، ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށްވުރެ ގިނަ ޒުވާނުން ސަނަދު ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އަމާޒަކީ 1000 ޒުވާން ޚަޠީބުން ބިނާކުރުމާއި 500 ހާފިޒުން އުފެއްދުން ކަމަށް ވަނީ ވިދާޅުވެފައެވެ.
މިހާރު ރާއްޖޭގައި ޤުރްއާން ހިތުދަސްކުރާ ޕްރޮގްރާމް ފުޅާކޮށް އެކަމާ ގުޅޭ ކުލާސްތައް އިތުރުކޮށްފައިވާއިރު، ރާއްޖޭގެ ހާފިޒުންގެ އަދަދު މިހާރު ވަނީ 310 އަކަށް އަރާފައެވެ. އަދި މި ވަގުތު ރާއްޖޭގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ހިފްޒު ކުރަމުންދާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
އިސްލާމް ދީނަށް ލޯބި ކުރާ ޒުވާން ޖީލެއް އުފެއްދުމަކީ އަދުގެ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރާ ކަމެކެވެ. އަދުގެ ރައީސްގެ އަމާޒަކީ ހެޔޮ ލަފާ ސޯލިހު ޖީލެއް ބިނާކުރުމެވެ.