ޚަބަރު
ސަމްޕާ ސަރަޙައްދު ބެލެހެއްޓުމަށް އިތުރު ގައިޑުން ތަމްރީނުކޮށްފި: ސެޓިފައިޑް ގައިޑުންގެ އަދަދު 636 އަށް
ސަމްޕާ ސަރަޙައްދު ފޮޓޯ: ވުޒާރާ
އަރިއަތޮޅު ދެކުނުބުރީގައި ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްފައިވާ "ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ސަރަޙައްދަށް ޚާއްޞަ ގައިޑުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަށުން، އިތުރު 12 ބައިވެރިއަކު ގައިޑް އިމްތިހާނު ފުރިހަމަކޮށްފިއެވެ. މިއާއެކު އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ސެޓިފައިޑް ގައިޑުންގެ ޖުމްލަ އަދަދު 636 އަށް އަރާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ސަންޕާ ސަރަޙައްދަކީ އެ ތަނުގެ ފަރުތަކާއި އޮއިވަރު ހުންނަގޮތުން ގިނަ އަދަދަކަށް ޕްލޭންކްޓަން ޖަމާވާ ސަރަޙައްދެކެވެ. މީގެ ސަބަބުން، ދުނިޔެއިން ނެތިދިއުމުގެ ބިރުހީވެފައިވާ ފެހުރިހި، އޭގެ ކާނާ ހޯދުމަށާއި ހަށިގަނޑުގެ ފިނިހޫނުމިން ރެގިއުލޭޓްކުރުމަށްޓަކައި އަހަރުގެ ހުރިހާ މޫސުމެއްގައިވެސް އެ ސަރަޙައްދަށް ތިލަވެއެވެ. މި ގުދުރަތީ ރީތިކަން ބަލާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ކޮންމެ ދުވަހަކުވެސް އެ ސަރަޙައްދަށް ޖަމާވެއެވެ.
ނަމަވެސް، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރާއި މީހުން ގިނަވުމުގެ ސަބަބުން ފަހުގެ ތާރީޚެއްގައި ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގާފައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެ ސަރަޙައްދުން ފެންނަ ފެހުރިހީގެ ގާތްގަނޑަކަށް 70 އިންސައްތަ މަހަށް ވަނީ އުޅަނދުފަހަރުގެ ބުރަފަތިން ޖެހި އެކިވަރުގެ އަނިޔާ ލިބިފައެވެ.
މިފަދަ ކަންކަން ހައްލުކޮށް، އެ ސަރަޙައްދު ހަރުދަނާގޮތެއްގައި ބެލެހެއްޓުމަށްޓަކައި ސަރުކާރުން މިހާރު ވަނީ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލާފައެވެ. މި ޕްލޭންގެ ދަށުން، ސަންޕާ ސަރަޙައްދަށް ފަތުރުވެރިން ގެންދެވޭނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދޫކުރާ "ސަންޕާ ގައިޑް ސެޓްފިކެޓް" ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ޕްލޭންގައި ގައިޑުންގެ އިތުރުން، އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންވެސް އަމަލުކުރަންޖެހޭ ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި، ސެޓިފައިޑް ގައިޑަކަށް ވުމުގެ އިމްތިހާނު ކޮންމެ ބުދަ ދުވަހަކު މާލެ އަދި އދ. މާމިގިލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިމްތިހާނުން ފާސްވުމަށް %75 އަށްވުރެ މަތިން މާކްސް ހޯދަންޖެހޭއިރު، އިމަޖެންސީ ފަސްޓް ރެސްޕޮންސް ފުރިހަމަކޮށްފައިވުމާއި، ރެސްކިއު ޑައިވަރ ނުވަތަ ލައިފްގާޑް ފަދަ ސެޓިފިކެޓެއް އޮތުން ލާޒިމްވެއެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ޒުވާނުންނަކީ ފަންނީ ގޮތުން ގާބިލް ބަޔަކަށް ހެދުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ. އިމްތިހާނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރުމަށް އެ ވުޒާރާއިން އިލްތިމާސްކުރައްވައެވެ.