ޚަބަރު
ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް ގައުމީ ބޮޑު ޕްރޮގްރާމެއް ފަށަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ދިވެހިރާއްޖޭގެ މުޖުތަމައަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ ސިއްހަތު ރަނގަޅު މުޖުތަމައަކަށް ހެދުމަށްޓަކައި، މަދަނީ ޖަމިއްޔާތައް ނުވަތަ ސިވިލް ސޮސައިޓީ މެދުވެރިކޮށް ގައުމީ ފެންވަރުގެ ބޮޑު ޕްރޮގްރާމެއް ފެއްޓެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުރިއަށްގެންދާ "ނޭޝަން ޗެޓް"ގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު މަގުސަދަކީ ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުން ކަމަށެވެ. މި މަގުސަދު ހާސިލުކުރުމަށްޓަކައި، ރަށްރަށުގައި މަސައްކަތްކުރާ ޖަމިއްޔާ، ޖަމާއަތްތަކަށް ސަރުކާރުން އެހީތެރިވާ ގޮތަށް ފަރުމާކޮށްފައިވާ މި ގައުމީ ޕްރޮގްރާމަކީ ދުންފަތާ ދުރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
މަރުހަލާތަކުގެ ތެރެއިން މިހާރު އަޅަން ޖެހޭ ފިޔަވަޅު މި އަޅަނީ. މީގެ ހުރިހާ ވެސް މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން، އެއީ މިއާ އެކީ އަޅުގަނޑުމެން އެބަ ފަށަން ސިވިލް ސޮސައިޓީ އެމްޕަވާ ކޮށްދޭ ވަރަށް ބޮޑު ނެޝަނަލް ޕްރޮގްރާމެއް ވެސް. މާނައަކީ އެކި ކަހަލަ ޖަމިއްޔާ، ޖަމާއަތްތައް ރަށްރަށުގައި މަސައްކަތްކުރަން އެ މީހުންނަށް އަޅުގަނޑުމެން އެކި ކަހަލަ ކަންކަން ފަހިކޮށްދޭނަން އަދި ފައިސާގެ އެކި ކަހަލަ އިނާމުތައް ދިނުން، ނޫނިއްޔާ އެކި ކަހަލަ އިންސެންޓިވް ދިނުން ވެސް މީގައި ހިމެނޭނެ،
ރައީސް
ދުންފަތާ މީހުން ދުރުކުރުމަށް ސަރުކާރުން ހިންގަނީ ވަށާޖެހޭ ފުރިހަމަ ޕްރޮގްރާމެއްކަން ފާހަގަކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމް ފަށާއިރު ދުންފަތުގެ އިސްތިއުމާލުކުރުމުން މީހުން ދުރުކުރުމަށް ބޭނުންކުރާ ވަސީލަތްތަކުން ނަގާ ޑިއުޓީ ވެސް ކަނޑާލާނެ ކަމަށެވެ. މިއީ ދުންފަތް ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިތުރު ހިތްވަރެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ ޑިއުޓީ ކަނޑައެޅުމުގައި ބަލާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހެދި ދިރާސާއެއްގައިވާ ތާވަލަކަށް ކަމަށެވެ. ސަރުކާރުގެ މި ހުރިހާ ފިޔަވަޅުތަކެއްގެ މައިގަނޑު އަމާޒަކީ ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކޮށް، ދުންފަތުގެ ވަބާއިން ގައުމު ސަލާމަތްކުރުމެވެ.