Ads by Farudhun

ޚަބަރު

މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ތިން ކަމެއް ހާސިލްކުރުމަށް: ރައީސް

މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ތިން ކަމެއް ހާސިލްކުރުމަށް: ރައީސް

ބޮޑުތަކުރުފާނު މަގުން ނިމިފައިވާ ސަރަޙައްދު / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

25 ޖޫން 2026، 10:40

25 ޖޫން 2026، 10:40

މާލޭގެ މަގުތައް ހެދުމުގެ ބިޔަ މަޝްރޫޢު ކުރިޔަށް ގެންދަނީ މައިގަނޑު ތިން މަޤްޞަދެއް ހާސިލްކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާލޭގެ މަގުތައް ހަދަމުން މިދަނީ މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ އިތުރުން، ޕާކިންގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

މާލޭގެ މަގުތައް ހަދަމުން މިދަނީ މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށާއި ޕާކިން މައްސަލަ ހައްލުކުރުމަށް. 

ރައީސް ވިދާޅުވިއެވެ.

މި މަޢުޟޫއަށް ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ނޫސްވެރިން ފާހަގަކުރި ގޮތުގައި، މާލޭގެ ވަށައިގެން އޮންނަ ރިންގު ރޯޑު ބޮޑުކޮށް، މިހާރު ފެންނަ ފެންވަރަށް ތަރައްޤީ ކުރުމަކީ ކުރީގެ ވެރިކަންތަކުން އެދެވޭ ސަމާލުކަމެއް ދީފައިވާ ކަމެއް ނޫންކަމަށެވެ. އެހެންކަމުން މިއީ ވާނެކަމަށް ގިނަ ބަޔަކަށް ޤަބޫލު ކުރެވުނު ކަމެއް ނޫންކަން ނޫސްވެރިން ފާހަގަކުރިއެވެ. ރިންގު ރޯޑުގެ މަސައްކަތަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކުރިން ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ފެއްޓެވި މަސައްކަތެކެވެ. ނަމަވެސް އެމަނިކުފާނުގެ ވަޒީރުކަމުގެ ދައުރު ނިމުމާއެކު، ވޭތުވެދިޔަ ސަރުކާރުގައި އެ މަސައްކަތް އޮތީ ހުއްޓިފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދަނީ ސަރުކާރުގެ ސީދާ ޚަރަދުގައި ކަމަށެވެ. އަދި ރިންގު ރޯޑުގެ މަސައްކަތް ނިމުމުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ އެތެރޭގެ މަގުތައް މަރާމާތުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ރިންގު ރޯޑު ތަރައްޤީވެ ނިމުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އޭރުން ބޮޑުތަކުރުފާނު މަގު ބޭނުންކުރާ ފަރާތްތައް އިތުރުވެ، އެތެރޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށެވެ.

ޕާކިންގެ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕާކިން އިމާރާތްތަކުގެ މަސައްކަތް ލަސްވަނީ އެކަމަށް ބޭނުންވާ ބަޖެޓު ހަމަނުޖެހިގެން ކަމަށެވެ. ނަމަވެސް ބޭރުގެ އެހީއަށް އެކަނި ބަރޯސާނުވެ، ސަރުކާރުގެ ބަޖެޓުން މި މަސައްކަތް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މާލޭގައި ޕާކުކުރާއިރު އާންމުންނަށް އުނދަގޫވާގޮތަށް މަގުމަތީގައި އުޅަނދުތައް ބެހެއްޓުން ހުއްޓުވުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މިކަމުގައި މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެއެވެ. ނަމަވެސް، މިހާރު ކަންތައްތައް ހުރި ގޮތުން ކައުންސިލްގެ އެއްބާރުލުން އެދެވޭ ގޮތެއްގައި ލިބޭނެކަމަށް ގަބޫލުނުކުރެވޭކަމަށް ވިދާޅުވެ ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450