ޚަބަރު
މުލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި
މ. އަތޮޅު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ
އެކިކަހަލަ މައްސަލަތަކުގައި މ. އަތޮޅުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިހުރި ތަކެތީގެ ތެރެއިން، މުލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާތައް ނައްތާލަފައިވާ ކަމަށް ދިވެހިންގެ ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.
އެގޮތުން، ޖޫން މަހުގެ 23 ވަނަ ދުވަހު ނައްތާލާފައި ވަނީ ބަނގުރާހުރި 69 ފުޅިކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މީގެ އިތުރުން، 37 ދަޅު ބަނގުރާ ވެސް ނައްތާލާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ބަނގުރާ ފުޅިތަކާއި ދަޅުތަކަކީ، 2026 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން، 2026 ގެ ޖޫން މަހުގެ 19 ވަނަ ދުވަހާ ހަމައަށް މ. މުލީ އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އަތުލައި، އޭވިއޭޝަން ސެކިއުރިޓީން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.
މި ބަނގުރާތައް ނައްތާލުމުގެ ކަންތައްތައް މުލީ ޕޮލިސް ސްޓޭޝަންގައި ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި، ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް ޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މަހުގެ ތެރޭގައި ފުލުހުން ދަނީ އެކި ތަންތަނުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަގުރާތައް ނައްތާލަމުންނެވެ. އެ ގޮތުން ޖޫން މަހުގެ 22 ވަނަ ދުވަހު ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ވެސް ވަނީ އެ ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ. އަދި އިއްޔެ ދޫނިދޫގައި ވެސް ބަނގުރާ ނައްތާލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.