ވިޔަފާރި / ޚަބަރު
ދަރިވަރުންގެ ވިސާ ފީ ދެއްކުމަށް ބީއެމްއެލް އިން ކާޑު ލިމިޓް ދެނީ
ދިވެހި ދަރިވަރުން ފޮޓޯ: ހަޔަރ އެޑިއުކޭޝަން
ބޭރު ގައުމުތަކުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ވިސާ އަށް ފައިސާ ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ކަމަށް ބޭނުންވާ ކާޑު ލިމިޓް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ބީއެމްއެލްގެ ސްޕޯކްސްޕަރސަން މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ އަށް ފައިސާ ދެއްކުމަށް ބޭނުންވާ ބޭރު ފައިސާ ހަމަޖައްސައިދިނުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެހީތެތެރިކަން ބޭންކަށް ލިބޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން، ބޭންކުން އެކަމަށް އެދޭ ހުރިހާ ދަރިވަރުންނަށް ވިސާ އަށް ފައިސާ ދެއްކުމަށް ކާޑަށް ލިމިޓް ދިނުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުހައްމަދު ސައީދު އިތުރަށް ވިދާޅުވީ، މީގެ ކުރިންވެސް ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ ފީ ދެއްކުމަށްޓަކައި 'ކޭސްބައި ކޭސް' އުސޫލުން ބަލައި، ބޭންކުން ކާޑަށް ލިމިޓް ދޫކުރަމުން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އާ އުސޫލުގެ ދަށުން މިކަން އިތުރަށް ފަސޭހަވެގެންދާނެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާއެކު ހަމަޖެއްސޭނެ އިންތިޒާމުތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމަށް ދަރިވަރުންގެ ރުފިޔާ ކާޑަށް މަހެއްގެ މައްޗަށް 1,200 ޑޮލަރުގެ ލިމިޓެއް މިހާރުވެސް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ދަރިވަރުންގެ ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީ އާއި ތަޢުލީމާ ގުޅުންހުރި އެހެނިހެން ޚަރަދުތަކަށް ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އަދި މިހާރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ސްޓައިޕެންޑާއި ދަރިވަރުންގެ އެހެން ބޭނުންތަކަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ރުފިޔާ އެކައުންޓުން އެ ދަރިވަރުން ބޭރުގައި ބޭނުންކުރާ އެކައުންޓަށް ފައިސާ ލިބޭނެ އިންތިޒާމުވެސް ވަނީ ގާއިމުކޮށްފައެވެ.
މި އިންތިޒާމުތަކުގެ ސަބަބުން ކިޔެވުމާއި ދިރިއުޅުމުގެ އެކި ކަންކަމަށް ބޭނުންވާ ފައިސާ މެދުނުކެނޑި ދަރިވަރުންނަށް ލިބޭނެކަމުގެ ޔަގީންކަން ބީއެމްއެލްއިން ދެއެވެ. ބޭންކުން ބުނީ ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ބޭންކުން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.