ޚަބަރު
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުން
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތި ޓްރެފިކްކުރާކަމުގެ ތުހުމަތުގައި މާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. މޫންލައިޓްވިޔު / މާލެ، މުޙައްމަދު ޢުމައިރު (58އ) އާއި ގުލްއަލާގެ / ލ. ދަނބިދޫ، މާޝާ އިބްރާހީމް (38އ) އެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހު 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުންކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ވިދާޅުވީ އެ އޮޕަރޭޝަނުގައި، އެ ދެ މީހުން ހައްޔަރުކުރުމަށްފަހު، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރި އިރު، ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި މިއާއިއެކު އެ އެޕާޓްމަންޓުން ގިނަ އަދަދެއްގެ ފައިސާ ވެސް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މައްސަލައި ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހަށް ބަނދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.