ޚަބަރު
ރަސްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ރައްޔިތުންގެ ޚިޔާލު ހޯދައިފި
ރަސްދޫ ކައުންސިލުން ބޭއްވި ހަފްލާ- ފޮޓޯ: ރަސްދޫ ކައުންސިލު
އއ. ރަސްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން، އެ ރަށު ކައުންސިލުން އިސްނަގައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
ރަސްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޓީމެއް ވަނީ ރަސްދޫއަށް ޒިޔާރަތްކޮށް ކައުންސިލާ ބައްދަލުކޮށްފައެވެ.

ރަށުގެ ކައުންސިލު ރައީސް ވިދާޅުވީ މަގުތައް ހެދުމަށް ކަމާއިގުޅުންހުރި މުއައްސިސާތައް ރަށަށް ގޮސް ބައްދަލުކުރި ބައްދަލުވުމުގައި އެބޭފުޅުން ވިދާޅުވީ ރަށްރަށުގެ މަގުތައް ހެދުމުގައި ސަރުކާރުން ތިން މޮޑިއުލެއް ނުވަތަ ތިން ކޮންސެޕްޓެއް ގެންގުޅޭ ކަމަށެވެ. މި ކޮންސެޕްޓްތަކާ ގުޅޭގޮތުން ރަސްދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގެ ތެރެއިން، މަގުތައް ހެދުމުގައި ރައްޔިތުން އެންމެ ބޭނުންވާ ގޮތް ބެލުމަށްޓަކައި ވަނީ ވޯޓެއް ނަގާފައެވެ. ރައްޔިތުންގެ ނިންމުމަކީ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރަށުގެ އެންމެ ބޮޑު 10 މަގުގައި ތާރު އެޅުމަށެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން "ފަރުދުން" އަށް މަޢުލޫމާތު ދެއްވަމުން ރަސްދޫ ކައުންސިލްގެ ރައީސް އަޙްމަދު ވަޙީދު ވިދާޅުވީ، މިއީ މީގެ ކުރިން ކައުންސިލުން ބޭއްވި ބައްދަލުވުންތަކާ ޚިލާފަށް ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ބައްދަލުވުމެއް ކަމަށެވެ.
"ރަށުގެ ތަރައްޤީގެ ބޮޑެތި ކަންކަމުގައި އަބަދުވެސް ރަށުގެ ރައްޔިތުންގެ ޚިޔާލާއި ފިކުރު ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. ރައްޔިތުންނަކީ މި ރަށުގެ އެންމެ ބޮޑު ރައުސްމާލު ކަމަށްވާތީ، ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހު މެނުވީ ކައުންސިލުން އެއްވެސް ބޮޑު ކަމެއް ނުކުރާނެ،"
އަޙްމަދު ވަޙީދު ވިދާޅުވިއެވެ.
މީގެ އިތުރުން ކައުންސިލް ރައީސް ވިދާޅުވީ، ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގައިވެސް ރައްޔިތުންގެ ޚިޔާލަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި މިހާރުގެ ކައުންސިލުގެ އަމާޒަކީ ވީހާވެސް ގާތުން ރައްޔިތުންގެ މަޝްވަރާއާއެކު، ހުޅުވާލެވިފައިވާ ނިޒާމެއްގެ ތެރެއިން ރަށުގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރަސްދޫގެ މަގު ހެދުމުގެ މަޝްރޫޢަކީ އެ ރަށުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރަމުން އައި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއާ ގުޅިފައިވާ މުހިންމު މަޝްރޫޢެކެވެ.