ޚަބަރު
ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ގައުމު އޮތީ ރަނގަޅު މިސްރާބެއްގައި: ޝުޖާއު
އެމްޕީ ޝުޖާއު- ފޮޓޯ: އެމްވީ ޕްލަސް
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށާފައިވާ ހަރުދަނާ މަސައްކަތްތަކާއެކު، ގައުމު ބޭނުންވާ ރަނގަޅު މިސްރާބަށް ދަތުރުކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، 19 ވަނަ މަޖިލީހުން ދުންފަތުގެ ގާނޫނަށް ގެނައި ބަދަލުތަކަކީ އެއްވެސް އިޚުލާސްތެރިކަމެއް ނެތް ކަމަށާއި، "އަމާ ބުނީތީ ފަރަށްދާ އުސޫލުން" ގެނައި ބަދަލުތަކެއް ކަމަށެވެ. ވަކި ސަރަހައްދުތަކެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ގަވާއިދުތަކެއް ހަދާފައި އޮތް ނަމަވެސް، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އެކަން ތަންފީޒުކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެމްޑީޕީގެ ސަރުކާރުގައި ތަންފީޒީ ވުޒާރާތައް އޮތީ ކަނުވެފައި. ގާނޫނާއި ގަވާއިދުތައް ހެދީ ހަމައެކަނި ދެއްކުމަށް،" ޝުޖާއު ވިދާޅުވިއެވެ.
ނަމަވެސް، މިހާރުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ކާމިޔާބީ ފެންނަމުންދާކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ، ވޭޕް މަނާކުރުމުން ވޭޕް ބޭނުންކުރާ މީހުން ދުންފަތަށް އެނބުރި ނުދާކަމަށެވެ. އަދި 2007 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ގަނެވިއްކުމާއި ބޭނުންކުރުން މަނާކުރާ "ޖެނެރޭޝަނަލް ބޭން" ބިލާއެކު، ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމުގެ ކަށަވަރުކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާދީ ޝުޖާއު ވިދާޅުވީ، ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން މިހާރު ރިކޯޑް އަދަދަކަށް މީހުން ދުންފަތާ ދުރުވަމުންދާ ކަމަށެވެ. އަދި ދުންފަތުގެ ގާނޫނު އަލުން ރިވިއު ކުރަން ނިންމީ، ވޭޕް މަނާކުރުމާ ގުޅިގެން މީހުން ދުންފަތަށް ހިތްޖެހިދާނެތީ އެކަމަށް އޮތް ބިރެއްގެ ސަބަބުން، ރައްޔިތުންގެ ސަލާމަތަށް އިސްކަންދީގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރު ދުންފަތުގެ އަގަށް ބަދަލު ގެނައުމާ ގުޅިގެން، ބައެއް ފަރާތްތަކުން ކޮލިޓީ ދަށް ދުންފަތާއި ފޭކް ސިނގިރޭޓް ބޭނުންކުރަން ފެށުމުގެ ސަބަބުން ތަފާތު ބަލިތައް ފެތުރުމާއި، ދުންފަތުގެ ބްލެކް މާކެޓެއް އުފެދިފައިވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
މިއަދުގެ މަޖިލީހުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން އަބަދުވެސް އިސްކަންދެނީ ރައްޔިތުންގެ ލާބައާއި މަންފާއަށެވެ. އެހެންކަމުން، ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްހީ އަދި އިޖުތިމާއީ މައްސަލަތައް ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުއިއްޒު ކުރައްވަމުންދާ މުހިންމު މަސައްކަތެކެވެ.