Ads by Farudhun

ޚަބަރު

މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ހަފްލާ ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި

މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ހަފްލާ ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި

ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވި ހަފްލާގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 ޖޫން 2026، 09:26

21 ޖޫން 2026، 09:26

މިއާންޒު ކޮލެޖަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެގޮތުން ބޭއްވޮ ހާއްސަ ހަފްލާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށް ދެއްވައިފިއެވެ. 

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑެތި ކާމިޔާބީތައް މިއާންޒް ކޮލެޖުން ހޯދާފައިވާކަން ފަސްޓް ލޭޑި ފާހަގަކުރެއްވިއެވެ. އަދި ހަރުދަނާ އާ ޖީލެއް ބިނާކުރުމުގެ މަސައްކަތް ކުރާ ކޮންމެ މުއައްސަސާއަކާއި އިދާރާއަކަށް މި ސަރުކާރުން މަރުޙަބާ ކިޔާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. 

ކޮލެޖުގެ ދަރިވަރުންނާއި މުޚާތަބުކޮށް ވާހަކަދައްކަވަމުން، ރަނގަޅު ސިފަތަކާއި އާދަތަކަކީ ތައުލީމީ މީހެއްގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ސިފަތައްކަމުގައި މެޑަމް ވިދާޅުވިއެވެ. އަދި އިސްލާމް ދީން މަތީ ދެމިތިބޭ، ގައުމަށް ވަފާތެރި އަދި ހިތްވަރާއެކީ މަސައްކަތްކުރާ ފަޚުރުވެރި ދިވެހީންގެ ގޮތުގައި ސާބިތުކަމާއެކު ދެމިތިބޭ ބަޔަކަށްވުމަށް މެޑަމް ވަނީ އެކޮލެޖުގެ ދަރިވަރުންނަށް ގޮވާލާފައެވެ. 

މި ހަފްލާގައި އެ ކޮލެޖަށް ގިނަދުވަސްތަކެއް ވަންދެއް ހިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ވަނީ އެވޯޑް ދީފައެވެ. އެގޮތުން، އެ ކޮލެޖަށް 5 އަހަރާއި، 10 އަހަރާއި އަދި 15 އަހަރުވަންދެއް ހިދުމަތްކޮށްދީފައިވާ ފަރާތްތަކަށްވަނީ ހަނދާނީ ފިލާ ދީފައެވެ. 15 އަހަރުވަންދެއް ހިދުމަތްކުރެއްވި ފަރާތްތަކާ ފިލާ ހަވާލުކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދެވެ.

މިއާންޒް ކޮލެޖުގެ ފައުންޑަރ އަދި ޗެއާމަން އަޙުމަދު މުއްތަޤީ ވަނީ ފަސްޓް ލޭޑީއަށް ކޮލެޖުގެ ފަރާތުން ހާއްސަ ހަދިޔާއެއް ދެއްވާފައެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް މުވައްޒަފުންނާއި، އޮފިޝަލުންގެ އިތުރުން މިއާންޒް ކޮލެޖުގެ މުވައްޒަފުންނާއި ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

2006 ވަނަ އަހަރު 19 ދަރިވަރުންނާއެކު ހުޅުވިގެންދިޔަ މިއާންޒް ކޮލެޖަކީ މިހާރު ރާއްޖޭގެ ތައުލީމީ ރޮނގުން ފާހަގަކޮށްލެވޭ ކޮލެޖެކެވެ. ކޮލެޖު ފެށިގެން އައި އިރާ އަޅާބަލާއިރު، މިހާރު އެ ކޮލެޖުގެ ދަރިވަރުންނާއި ދަރިވަރުންނަށް ބައިވެރިވެވޭ ޕްރޮގްރާމުތައް އިތުރުވެފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450