ޚަބަރު
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މަސްރޭހުގެ އެއްވަނަ ބ.ތުޅާދޫ ދޮންއިސްމާއިލް ޓީމަށް
އެއްވަނައަށް ދިޔަ ޓީމަށް މިނިސްޓަރ އަޙްމަދު ޝިޔާމް އިނާމު ދެއްވަނީ
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް 19 ޖޫން 2026 ގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މަސް ރޭހުގެ އެއްވަނަ ޓީމަކަށް ބ.ތުޅާދޫ، ދޮންއިސްމާއިލް ޓީމު ހޮވިއްޖެއެވެ.
މި މަސް ރޭހުގައި އަތޮޅުތެރޭގެ 64 ރަށަކުން ޖުމްލަ 91 ޓީމު ވަނީ ބައިވެރިވެފައެވެ. އަދި ގްރޭޓާ މާލެ ސަރަހައްދުން 18 ޓީމަކުން 190 މީހުން މުބާރާތުގައި ބައިވެރިވިއެވެ. މިނިސްޓްރީއިން ރަށްރަށުގެ ކައުންސިލް އިދާރާތަކާއި ގުޅިގެން ބެއްވި މި މުބާރާތައް އެތައް ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.
މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މޮޅުވާ ޓީމުތަކަށް އަގުހުރި ފައިސާގެ އިނާމުތައް ދޭ ގޮތަށެވެ. އެގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވުނު މުބާރާތުގެ އެއް ވަނައަށް ހޮވިފައިވާ ބ.ތުޅާދޫ ، ދޮންއިސްމާއިލް ޓީމަށް ވަނީ 30،000 ރުފިޔާ ދީފައެވެ.
މުބާރާތުން ދެވަނައަށް ހޮވިފައިވަނީ ޏ.ފުވައްމުލަކު، މެޖިކްލީން ޓީމެވެ. އެ ޓީމަށް ފައިސާގެ ގޮތުގައި 25،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ތިން ވަނައަށް ހޮވުނު ތ.ހިރިލަންދޫ، ކަޅަކައުންޑު ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 20،000 ރުފިޔާއެވެ. މީގެ އިތުރުން، މުބާރާތުގެ އެންމެ ބަރުމަސް ބޭނި ފަރާތްކަމުގައިވާ ބ.ތުޅާދޫ، ދޮންއިސްމާއިލް ޓީމުގެ މުހައްމަދު ހާބީބް ރިޔާޒަށް ފައިސާގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.
މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މިއީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ޓަކައި މަސްވެރިކަމާއިބެހޭ ވުޒާރާއިން ކުރިއަށް ގެންދަވަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. އަދި މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވަނީ އެތައް ބައެއްގެ އެއްބާރުލުމާއެކުކަން ފާހަގަކުރެވެއެވެ.