ޚަބަރު
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް، "މޫދު ފެސްޓް"ގެ ނަމުގައި ހަރަކާތެއް
"މޫދު ފެސްޓް" ހަރަކާތުގައި މިނިސްޓަރ ވާހަކަދައްކަވަނީ
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން، ބައިނަލްއަޤްވާމީ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "މޫދު ފެސްޓް"ގެ ނަމުގައި މިއަދު ހުޅުމާލޭގައި ހަރަކާތެއް ފަށައިފިއެވެ.
ހުޅުމާލޭ ފޭސް 1ގެ ދިރާގު ބީޗުގައި ބާއްވާ މިހަރަކާތް ފަށްޓަވާދެއްވީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމެވެ. ވަޒީރުގެ އިތުރުން، ހައުސިންގް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރ.ޓ.ޑ) އަލީ ޒުހައިރާއި، މަސްވެރިކަމާބެހޭ ވުޒާރާގެ އިސްވެރިންގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގެ ބޭފުޅުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ހަރަކާތް ކުރިއަށް ގެންދަނީ އާއިލާތަކާއި މޫދަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ކަމަށް ވާއިރު، މި ހަރަކާތުގެ ދަށުން އެކިކަހަލަ ކަންކަން ކުރުމަށް ވަނީ ރާވާފައެވެ. އެގޮތުން މުރަކަ އިންދުމާއި، ފޭސް ޕެއިންޓިންގެ އިތުރުން މޫދު ކުޅިވަރުތައް އެތަނުގައި ކުރިއަށް ދާނެއެވެ.
މިނިސްޓްރީއިން އެޗްޑީސީއާއި ގުޅިގެން ބާއްވާ މި ހަރަކާތް ކުރިއަށްދާނީ 20 ޖޫން 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 18:00 އާ ހަމައަށެވެ.
މިއީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ޓަކައި މަސްވެރިކަމާއިބެހޭ ވުޒާރާއިން ބާއްވަމުންދާ ގިނަ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. އެގޮތުން މި ދުވަސް ފާހަގަކުރުމަށް އިއްޔެ މިނިސްޓްރީއިން ވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ފަރުމަސް ބޭނުމުގެ މުބާރާތެއް ބާއްވާ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.