Ads by Farudhun

ޚަބަރު

ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެއް: މެޑަމް ސާޖިދާ

ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެއް: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ / ފޮޓޯ: ރައީސް އޮފީސް

މުދާވެރިކަމުގައި ދީލަތިވެވެނީ ފޯރުންތެރީންނަށް ކަމުގައި ވީ ނަމަވެސް، ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ހަމަ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ލޭ ހަދިޔާކުރެއްވެން އޮތް ކޮންމެ ބޭފުޅަކުވެސް ލޭ ހަދިޔާކުރައްވައި، އެ ފުރުޞަތުގެ ދަރުމަ ހޯއްދަވާ، އިންސާނިއްޔަތަށް އެ ޚިދުމަތް ދެއްވުމަށް އެކަމަނާ ގޮވާލައްވާފައި މިވަނީ ދުނިޔޭގެ ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ކުރިއަށްދިޔަ މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމު ސަބަބުތަކެއްވާކަން ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، ލޭ ހަދިޔާކުރައްވާ ބޭފުޅުންނަކީ އެއް ގޮތަށްވުރެ ގިނަ ގޮތުން ޚާއްޞަ ޝަރަފުވެރި ބައެއްގެ ގޮތުގައި އެކަމަނާ ވަނީ ސިފަ ކުރައްވާފައެވެ.

އެގޮތުން، ލޭ ހަދިޔާ ކުރައްވާ ބޭފުޅުންގެ ޝަރަފުގައި ޚާއްޞަ ދުވަހެއް ފާހަގަކުރެވޭ އެންމެ ޚާއްޞަ އެއް ސަބަބަކީ އެ މަތިވެރި އިންސާނީ ޞަދަޤާތަށް ހިތްވަރުދީ، އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޖާނުން ހޭދަވުމުގެ އިންސާނީ މަތިވެރި އަޚްލާޤު އާލާކޮށް، އިންސާނީ މުޖުތަމަޢުގައި ކުލުނާއި އިޙްތިރާމު އާލާކުރުންކަމުގައި ފާހަގަކުރައްވާ، މި އަގުހުރި ޚިދުމަތުގައި ދެމިތިއްބެވި ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ލޭ ހަދިޔާކުރުމަށް ބިރުގަނެ، ފަސްޖެހޭ ފަރާތްތަކަށްވެސް އެކަމަނާ ވަނީ، އިންސާނިއްޔަތުކަމުގެ މި އަގުހުރި ޚިދުމަތުގެ ދަރުމަ ލިބިގަތުމަށް ހިތްވަރުދެއްވާފައެވެ.

މުދާވެރިކަމުގައި ދީލަތިވެވެނީ ފޯރުންތެރިންނަށް. ނަމަވެސް ލޭ ހަދިޔާ ކުރުމުގައި ދީލަތިވުމަކީ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެއް. އެހެންވީމާ އެ ފުރުޞަތުގެ ދަރުމަ ހޯއްދެވުމަށް، އަދި އިންސާނިއްޔަތަށް މި ޚިދުމަތް ދެއްވުމަށް އަޅުގަނޑު ތި އެންމެ ބޭފުޅުންނަށް އެދެން. އަދި މި ޚިދުމަތުގައި ތިއްބެވި އެންމެ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން މި ހަފްލާގައި، ދިގު މުއްދަތަކަށް ލޭ ހަދިޔާކުރައްވަމުން ގެންދަވާ ފަރާތްތަކާއި އަލަށް ލޭ ހަދިޔާ ކުރައްވަން ފެއްޓެވި އުމުރުން 18 އަހަރު ވީ ފަރާތްތަކާއި، ފާއިތުވި އަހަރު އެންމެ ގިނައިން ބްލަޑް ޑޮނޭޝަން ކޭމްޕް ބާއްވައި، ބްލަޑް ޑޮނޭޝަން ކޭމްޕްތަކުން އެންމެ ގިނައިން ލޭހަދިޔާ ކުރެއްވި ފަރާތަށް ހަނދާނީ ލިޔުން އަދި ހަނދާނީ ފިލާ ހަވާލުކުރެއްވިއެވެ. ހަމަ އެހެންމެ، ދިގު މުއްދަތަކަށް ލޭ ހަދިޔާކުރައްވަމުން ގެންދަވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ގޯލްޑް އެވޯޑް ރޭގެ ޙަފުލާގައި ހަވާލުކުރައްވާފައިވެއެވެ.

އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، ތިމާގެ ހަށިގަނޑުގެ ލޭ، އެއްވެސް ބަދަލަކާ ނުލައި ހަދިޔާކުރައްވާ ލޭ ހަދިޔާކުރުންތެރީންގެ ޝަރަފުގައި، ބައިނަލްއަޤުވާމީ ފެންވަރުގައި ދުނިޔޭގެ ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 14 ވަނަ ދުވަހެވެ. 

މި ދުވަހުގެ މުނާސަބަތުގައި ރޭ އޮތް ހަފްލާގައި، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތެރީންނާއި، ލޭ ހަދިޔާކުރައްވާ ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450