ޚަބަރު
ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިގެން އެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފި
ރަސްފަނު މޫދަށް ކަޅުތެޔޮ އެޅިފައި ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މާލޭގެ ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދު މޫދަށް ނޭރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު އިލްތިމާސްކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން އެކްސް (ކުރީގެ ޓްވިޓާ) މެދުވެރިކޮށް އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ، ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައި ހުރުމުގެ ސަބަބުން އެ ސަރަހައްދު މިހާރު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ސާފުކޮށް ނިމެންދެން އެއްވެސް ފަރާތަކުން އެ ސަރަހައްދަށް މޫދަށް ނޭރުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން ކައުންސިލުން ބުނީ، މޫދަށް ކަޅުތެޔޮ އެޅުނު ސީދާ ގޮތެއް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. ނަމަވެސް ބޮޑަށް ބެލެވެނީ ކަނޑަށް އެޅިފައި ހުރި ތެޔޮތަކެއް އޮޔާ އެކު ރަސްފަންނު ސަރަހައްދަށް ލައްވީ ކަމަށެވެ. މީގެ ކުރިން ވެސް އެކި ފަހަރުމަތިން މި ސަރަހައްދަށް ތެޔޮ އެޅިގެން މޫދަށް އެރުން މަނާކޮށް، ސާފުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވާފައިވަނީ ދާދި ފަހުން މިދިޔަ ހުކުރު ދުވަހުއެވެ.
ސިޓީ ކައުންސިލުން މިހާރު ދަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ރަސްފަންނާއި ދިމާ ކަނޑުން ފަޅުތެރެއަށް ތެޔޮ ވަދެފައިވާތީ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު މިހާރުވަނީ ވަގުތީގޮތުން ބަންދުކުރެވިފައި، މި ސަރަހައްދު ސާފުކޮށް ނިމެންދެން މޫދަށް ނޭރުމަށް އިލްތިމާސްކުރަން pic.twitter.com/6ZXJrg83Pg
— Malé City Council (@MaleCitymv) June 14, 2026