Ads by Farudhun

ޚަބަރު

ދަރިފުޅު މަރާލި ފަރީދުގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ޝުހާދުގެ މަންމައާއި ބައްޕަ ބުނެފި

ދަރިފުޅު މަރާލި ފަރީދުގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ޝުހާދުގެ މަންމައާއި ބައްޕަ ބުނެފި

ސުޕްރީމް ކޯޓުގައި ބޭއްވުނު ފަރީދުގެ އަޑުއެހުން ފޮޓޯ: ފަރުދުން

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

11 ޖޫން 2026، 11:23

11 ޖޫން 2026، 11:23

ފުވައްމުލަކުގައި މީގެ 16 އަހަރު ކުރިން ހިންގި ނުރައްކާތެރި މާރާމާރީއެއްގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ ބަދަލުގައި، އޭނާ މަރާލި ކަމަށް ސާބިތުވެފައިވާ ހަސަން ފަރީދުގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ޝުހާދުގެ މަންމައާއި ބައްޕަ ސުޕްރީމް ކޯޓުގައި މިއަދު ތަކުރާރުކޮށް ބުނެފިއެވެ.

މި މައްސަލައަކީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފުވައްމުލަކުގެ ދެ އަވަށެއްގެ ބައެއްގެ ދެމެދުގައި ހިނގި ބޮޑު މާރާމާރީއެއްގައި، އެ ރަށު މެކޯ، ޝުހާދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައެވެ. މި ހާދިސާގައި ލިބުނު ބޮޑެތި ޒަޚަމްތަކަށް ފަރުވާ ދެމުންދަނިކޮށް ޝުހާދު ނިޔާވީ 28 ޖެނުއަރީ 2010 ގައެވެ. މި މައްސަލައިގައި ދައުލަތުން ދައުވާކުރި ފުވައްމުލަކު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 13 މެއި 2015 ގައެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމަށް ހައިކޯޓުން ތާއީދުކުރުމާ ގުޅިގެން، ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރީ 2017 ވަނަ އަހަރުއެވެ. ގާތްގަނޑަކަށް ފަސް އަހަރަށްވުރެ ގިނަ ދުވަސް ސުޕްރީމް ކޯޓުގައި ހޭދަވެފައިވާ މި މައްސަލައިގެ އަޑުއެހުންތައް މިއަދު އަލުން ކުރިއަށް ގެންގޮސްފައިވަނީ، މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އައި ބަދަލުތަކަކަށް ފަހުއެވެ. މިހާރު މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، ފުވައްމުލަކުގައި ތިބެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވި ޝުހާދުގެ މަންމައާއި ބައްޕަގެ ގާތުގައި ވާރިސުންގެ ބަސް ހޯދުމަށް އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވުމުން، އެ ދެމީހުންވެސް ވަނީ "މަރަށް މަރު" ބޭނުންވާ ކަމަށް ބުނެފައެވެ.

ވާރިސުންގެ ބަސް ނެގުމުގެ ކުރިން، ފަރީދަށް އުއްތަމަ ފަނޑިޔާރު ވަނީ ވާރިސުންނާ ދައްކާނެ އެއްވެސް ވާހަކައެއް ނުވަތަ މައާފަށް އެދުން ފަދަ ކަމެއް އޮތްތޯ ސުވާލު ކުރައްވާފައެވެ. ނަމަވެސް، ފަރީދު ބުނީ ޝުހާދުގެ މަންމައާއި ބައްޕައާ ދައްކާނެ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ.

ދައުލަތުން ކޯޓުގައި ބުނެފައިވަނީ، ފަރީދު ޝުހާދުގެ ގަޔަށް ވަޅިހެރި މަންޒަރު ދުށް ހެކިންގެ ހެކިބަސް އެބަހުރި ކަމަށެވެ. މީގެ ކުރިން މި މައްސަލަ މެދުކެނޑުނީ ފަރީދަށް އަޑުއިވުމުގެ ދަތިތަކެއް ކުރިމަތިވުމުން ކަމަށްވާއިރު، މިއަދުގެ ޝަރީއަތަށް އޭނާ ހާޒިރުވީ އަޑުއިވުމަށް އެހީތެރިވެދޭ "ހިއަރިން އެއިޑެއް" ބޭނުންކޮށްގެންނެވެ.

ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ސުޕްރީމް ކޯޓުގައި މި މައްސަލަ އަލުން ކުރިއަށްދާއިރު، މިއީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭގޮތުން އާންމުންގެ ސަމާލުކަން ބޮޑުވެފައިވާ މައްސަލައެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ކ

ކަބަލުން

11/06/2026 13:21

މަރައް މަރު ހިފުމަކީ ރަގަޅު ކަމެއްނޫ އެމީހަކީ ރަގަޅުމީހަކަށް ވުމެއް އެދި އެމީހަކަށް މާފުކުރުން އެންމެރަގަޅީ އެމީހެއް ގެ ނިމުން އެގޭނީ އެމީހަކަށް ދުނިޔެ ދޫކުރި މީހާއާ ދުނިޔޭގަ ހުރިމީހާއާ ތިވީހަމައެއްވަރު އޭތި ކަމަކުނުދޭ ކޮށް މެބަޔަކުވެސް ދެރަވާނެ މިނޫ ދުނިއެއްއެބަވޭ .