ޚަބަރު
މިދިޔަ މަހު ދައުލަތަށް 2.05 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ. ފޮޓޯ: މީރާ
މިދިޔަ މޭ މަހު ދައުލަތަށް ޖުމްލަ 2.05 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.8 އިންސައްތަ ދަށް އަދަދެކެވެ. އަދި މިއީ އެ މަހު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެވެސް ދަށް އަދަދެކެވެ.
މީރާގެ ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 88.54 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ. އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 19.5 އިންސައްތަ ދަށްވުމެވެ. މީގެ އިތުރުން ޖީއެސްޓީ، ފަތުރުވެރިކަމުގެ ބިމު ކުލި އަދި ބިދޭސީންގެ ކޯޓާ ފީގެ ގޮތުގައި ލިބުނު އާމްދަނީ މަދުވުންވެސް މީގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
މީރާއިން ވިދާޅުވި ގޮތުގައި އާމްދަނީއަށް އައި މި ބަދަލުގެ އެންމެ ބޮޑު އެއް ސަބަބަކީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް އައިސްފައިވާ ލޮޅުމެވެ. ނަމަވެސް، މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު މިއަހަރު ލީސް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީއަށް އިތުރު ބައެއް ވަނީ އިތުރުވެފައެވެ.
މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރެއިން 21.9 އިންސައްތައަކީ މީރާގެ އިސްނެގުމަށް ކުރި މަސައްކަތުން ހޯދާފައިވާ، ނުލިބި ހުރި ފައިސާއެވެ. އެގޮތުން ނުލިބި ހުރި ފައިސާގެ ތެރެއިން 382 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން ހޯދި 242.13 މިލިޔަން ރުފިޔާއާއި، ޑިއުސް ކްލިއަރެންސްގެ ތެރެއިން ހޯދި 68.19 މިލިޔަން ރުފިޔާ ހިމެނެއެވެ.
އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެގޮތުން 1.15 ބިލިޔަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާއިރު، މިއީ ޖުމްލަ އާމްދަނީގެ 56.3 އިންސައްތައެވެ. މީގެ އިތުރުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 234 މިލިޔަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 139 މިލިޔަން ރުފިޔާ، އަދި އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 158 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
ދައުލަތަށް ލިބެންޖެހޭ އާމްދަނީ އިތުރުކުރުމަށާއި، ގަވާއިދާ އެއްގޮތަށް ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ދަނީ މެދުކެނޑުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.