ޚަބަރު
ޗައިނާ އިންޓަރނޭޝަނަލް ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެެރިންނަށް ހުޅުވާލައިފި
24 ވަނަ ޗައިނާ އިންޓަރނޭޝަނަލް ފެއަރ. ފޮޓޯ: އަންޓާރާ ނިއުސް
ޗައިނާގެ ޒިއަމެންގައި ބޭއްވުމަށް ހަމަޖެހިފައިވާ 26 ވަނަ ޗައިނާ އިންޓަނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް (ސީ.އައި.އެފް.އައި.ޓީ) ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުޅުވާލައިފިއެވެ.
މި ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ޗައިނާ ސަރުކާރުން މިހާރު ވަނީ ދިވެހި ސަރުކާރަށް އަންގާފައެވެ.
މި އަހަރުގެ ސެޕްޓެންބަރު މަހުގެ 8 އިން 11 އަށް ކުރިއަށްދާ މި މައުރަޒަކީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމަރސް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤްވާމީ އިންވެސްޓްމަންޓް މައުރަޒެކެވެ. ރާއްޖޭގެ ކުންފުނިތަކާއި ސިނާއީ މަސައްކަތްތަކުގައި އުޅޭ ފަރާތްތަކުން މި މައުރަޒުގައި ބައިވެރިވުމަށް އިންތިޒާމުކުރާ ފަރާތުން ވަނީ ދައުވަތު އަރުވާފައެވެ.
މި މައުރަޒުގެ މައިގަނޑު މަޤްސަދަކީ ޕްރެކްޓިކަލް އިންވެސްޓްމަންޓްތަކަށް ޕްލެޓްފޯމެއް ހޯދައިދީ، އިންވެސްޓްމަންޓާއި ޕޮލިސީއާ ގުޅުންހުރި މުހިންމު މަޝްވަރާތައް ކުރިއަށްގެންދެވޭނެ މާހައުލެއް ގާއިމްކުރުމެވެ. މީގެ އިތުރުން، ބިޒްނަސް-ޓު-ބިޒްނަސް (ބީ2ބީ) ސެޝަންތަކާއި، އިންވެސްޓްމަންޓް ސެމިނަރތަކުގެ އިތުރުން ޕްރޮޖެކްޓް ރޯޑްޝޯތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ އެވުޒާރާއިން ވިދާޅުވީ މި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މައުރަޒުގެ ރަސްމީ ވެބްސައިޓް www.chinafair.org.cn މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމަށްފަހު ބައިވެރިވާކަމުގެ މައުލޫމާތު [email protected] އަށް އީމެއިލް ކުރުމަށްވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މި މައުރަޒަކީ ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަޤްވާމީ މާކެޓްތަކާ ގުޅުން ބަދަހިކޮށް، އިންވެސްޓްމަންޓްގެ އާ ފުރުސަތުތައް ހޯދުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ. މައުރަޒާ ބެހޭ އިތުރު ތަފްސީލު ސީ.އައި.އެފް.އައި.ޓީ ގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.