ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސް ޑރ މުހައްމަދު މުއިއްޒު - ފޮޓޯ : ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.
މީގެ ފަސް ދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފެއްޓެވި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފައިވަނީ މިރޭގެ ވަގުތެއްގައެވެ. ނަމަވެސް މި ދަތުރުފުޅާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.
އާންމު އުސޫލުން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ނުރަސްމީ ދަތުރުފުޅުތަކަކީ އަމިއްލަފުޅު ކަންކަމުގައި ނުވަތަ ބޭސްފަރުވާއަށް ކުރައްވާ ދަތުރުފުޅުތަކެކެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުޢިއްޒު ވަނީ މީގެ ކުރިންވެސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ.
ސިންގަޕޫރަކީ ރާއްޖޭގެ ރައީސުން އާންމުކޮށް ނުރަސްމީ ދަތުރުފުޅުތަކުގައި ބޭސްފަރުވާއަށާއި އަމިއްލަ ކަންކަމުގައި ވަޑައިގަންނަވާ ގައުމެކެވެ.