ޚަބަރު
މޫސުން ގޯސްވެ، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ހުދު އަދި ރީނދޫ ސަމާލު ނެރެފި
ވިއްސާރަ ދުވަހެއް / ފޮޓޯ: ސަންދާން
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ހުދު އަދި ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުދު އަދި ރީނދޫ ސަމާލު ނެރިފައިވާ މި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ވާރޭ ވެހުމާއެކު، ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
White Alert for strong winds and rough seas. pic.twitter.com/pJTM0IZ0VU
— Maldives Meteorology (@MetMaldives) May 21, 2026
މީގެ އިތުރުން މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން މެންދުރުފަހު 15:00 އާއި ހަމައަށް ބ. އަތޮޅުން ފެށިގެން އއ. އަތޮޅަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ހަމަ އެހެންމެ، މި ވަޤުތުތަކުގައި އެ 4 އަތޮޅުގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ރީނދޫ ސަމާލު ނެރެފައިވާ ސަރަޙައްދުތަކުގައި، ދިގުމިނުގައި 9 މީޓަރު ހަމަނުވާ ކުދި އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަށް ވަނީ މަނާކޮށްފައެވެ. މިއީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަނޑައަޅާފައިވާ އުޞޫލެކެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތަކަށް ވަރަށް ބޮޑަށް ސަމާލުވުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.
Yellow Alert for strong winds and very rough seas. pic.twitter.com/Jp3x6FHM8t
— Maldives Meteorology (@MetMaldives) May 21, 2026
ރާއްޖެއަަށް މި ދުވަސްވަރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.