ޚަބަރު
ރާއްޖެއިން އަދިވެސް "ވަން ޗައިނާ" ސިޔާސަތަށް ތާޢީދުކުރާކަން ދިވެހި ސަރުކާރުން ހާމަކޮށްފި
ރައީސް މުޢިއްޒު، ޗައިނާގެ ރައީސްއާއެކު/ ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން "ވަން ޗައިނާ" ނުވަތަ އެއް ޗައިނާގެ ސިޔާސަތަށް ދޭ އެއްބާރުލުމާއި އިހުތިރާމް އާކޮށް، ޓައިވާނަކީ ޗައިނާގެ ބައެއްކަމަށް ބަލައިގަތުމުގެ ސިޔާސަތަށް ދިވެހި ސަރުކާރުން ކުރާ ތާޢީދު އައުކުރައްވައިފިއެވެ.
ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކުގެ މި ދަނޑިވަޅުގައިވެސް، ޗައިނާއާއެކު ސިޔާސީ ގުޅުން ޤާއިމުކުރީއްސުރެ ރާއްޖެއިން ގެންގުޅެމުންދާ ސާބިތު ސިޔާސަތު ދަމަހައްޓާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ދެއްވާ ކަމަށެވެ. އަދި އެއީ އދ. ގެ ޢާންމު މަޖިލީހުގެ 2758 ވަނަ ޤަރާރާއި ބައިނަލްއަޤްވާމީ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޓައިވާނަކީ ޗައިނާގެ ސަރަޙައްދުގެ ތެރޭގައި ހިމެނޭ، އެ ސަރަޙަހައްދުން ވަކިނުކުރެވޭނެ ބައެއް ކަމުގައި ބަލައިގަތުންކަން އެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއާއެކު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ޗައިނާއިން ދެމުންގެންދާ މެދުނުކެނޑޭ އެހީތެރިކަން ދިވެހިރާއްޖެއިން ނުހަނު އިޚުލާޞްތެރިކަމާއެކު ބަލައިގަންކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
އަދި ޞުލްޙަވެރިކަމާއި، ހަމަޖެހުމާއި، ދެ ޤައުމަށް ލާބަޔާއި މަންފާ ލިބޭނެ ފަދަ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ކުރާ އުންމީދުތައް މި ދަނޑިވަޅުގައި ވަނީ އައުކުރައްވާފައެވެ.