ޚަބަރު
ކަނޑޫފާތައް ހިމާޔަތްކުރުމަށް ޔޫރަޕިއަން ޔޫނިއަންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
އީޔޫއާއި ފޮރިން މިނސްޓްރީއިން ސޮއި ކުރުން -- ފޮޓޯ ފޮރިން މިނިސްޓްރީ
ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަކުން ސަލާމަތްވުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމުގެ ގޮތުން، "ކޮމިއުނިޓީ ބޭސްޑް މެންގްރޫވް ޕްރޮޓެކްޝަން އެންޑް ރީޖެނެރޭޝަން އިން ދަ މޯލްޑިވްސް" މަޝްރޫއުގެ ފައިނޭންސިންގ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ ޝެރީނާ އަބްދުއްސަމަދެވެ. އީޔޫގެ ފަރާތުން މި އެއްބަސްވުން ރަސްމީކޮށް ހަވާލުކޮށްދެއްވީ، ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މާރިއާ ކާމެން މޮރޭނޯ ރައިމުންޑޯގެ ފަރާތްޕުޅުން، ހެޑް އޮފް ކޯޕަރޭޝަން ޑރ. ޖޯހަން ހެސޭއެވެ.
މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމަށާއި، އޭގެ ސަބަބުން ލިބޭ ތިމާވެށީގެ މަންފާތައް އިތުރުކުރުމަށްޓަކައި އީޔޫއިން 4 މިލިއަން ޔޫރޯގެ ހިލޭ އެހީ ފޯރުކޮށްދޭނެއެވެ. މި އެހީއަކީ މައިގަނޑު ގޮތެއްގައި ރަށްރަށުގެ މުޖުތަމައުތައް ބައިވެރިކޮށްގެން، އައްސޭރިފަށުގެ ދިރުންތައް ރައްކާތެރިކުރުމަށާއި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް ދެވޭ އެހީއެކެވެ.
އެއްބަސްވުން ބަދަލުކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޝެރީނާ ވަނީ، ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގައި އީޔޫއިން ދޭ ދާއިމީ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
"އީޔޫއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް. ހާއްސަކޮށް ތިމާވެށީގެ ރައްކާތެރިކަމަށް ރާއްޖެއިން އިސްކަންދޭ ކަންކަމުގައި އެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަން އަޅުގަނޑުމެން ބަލައިގަންނަން،" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
އީޔޫގެ ހެޑް އޮފް ކޯޕަރޭޝަން ޑރ. ޖޯހަން ހެސޭ ވިދާޅުވީ، ކަނޑޫފާތަކަކީ އައްސޭރިފަށް ހިމާޔަތްކޮށްދީ، ކާބަން ރައްކާކޮށްދޭ މުހިންމު ވަސީލަތެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގެ މުޖުތަމައުތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން، ވަރުގަދަ ގާނޫނީ އޮނިގަނޑެއްގެ ދަށުން ތިމާވެށި ހިމާޔަތްކުރުމުގެ ދާއިމީ ނަތީޖާތަކެއް ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއަކީ ޕެރިސް އެގްރީމަންޓުގެ ދަށުން ރާއްޖެއިން ކަނޑައަޅާފައިވާ "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަންސް" (އެންޑީސީއެސް) 3.0 ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމުގައި އާންމުންގެ ބައިވެރިވުން އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ބެލެހެއްޓުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިސްވެރިންނާއި ޔޫރަޕިއަން ޔޫނިއަންގެ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.