ޚަބަރު
ގަވާއިދާ ހިލާފަށް އެތެރެކޮށް ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓް ފުލުހުން އަތުލައިގަނެފި
ގަވާއިދާ ހިލާފަށް އެތެރެކޮށް ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓް ފޮޓޯ: ފުލުހުން
ގާނޫނާއި ގަވާއިދާ ހިލާފަށް ދިވެހިރާއްޖެއަށް އެތެރެކޮށް، ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ އެކި ބްރޭންޑްތަކުގެ ސިނގިރޭޓް ގަވާއިދާ ހިލާފަށް އެތެރެކޮށް ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މި މެއި މަހުގެ 13 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަން ވަނީ ބަލައި ފާސްކޮށްފައެވެ. އެގޮތުން މާލޭގެ ގަލޮޅު އަވަށުގެ ގެއަކާއި، ހުޅުމާލެ ފޭސް 2 އެއްގައި ހުންނަ އަމާން ދޯދި އެޕާޓްމަންޓެއްގެ އިތުރުން ވޭންއެއް ބަލައި ފާސްކޮށްފައިވެއެވެ.
މި ފާސްކުރުންތަކުގެ ތެރެއިން 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މީގެ އިތުރުން، މި މައްސަލާގައި ހިމެނޭ ވޭން ވެސް ފުލުހުން ވަނީ ޓޯކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ގަވާއިދާ ހިލާފަށް ރާއްޖެއަށް ތަކެތި އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކާ މެދު ސަރުކާރުންނާއި ކަމާބެހޭ މުއައްސަސާތަކުން ގެންދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.