Ads by Farudhun

ޚަބަރު

ޔޫއޭއީ އާއި ގަތަރުގެ ސަފީރުކަމަށް ޠާރިޤާއި އާދަމް ޝަރީފް އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފި

ޔޫއޭއީ އާއި ގަތަރުގެ ސަފީރުކަމަށް ޠާރިޤާއި އާދަމް ޝަރީފް އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފި

ކުރީގެ ދެ ވަޒީރުން ކަމުގައިވާ ޠާރިގް އިބްރާހިމް އާއި އާދަމް ޝަރީފު އުމަރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 މޭ 2026، 11:02

14 މޭ 2026، 11:02

ކުރީގެ ދެ ވަޒީރުން ކަމުގައިވާ ޠާރިގް އިބްރާހިމް އާއި އާދަމް ޝަރީފު އުމަރު، ރާއްޖެއިން ބޭރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި އައްޔަން ކުރުމުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރައީސް ޢަބްދުުއްރަހީމް ޢަބްދުﷲ އަށް ފޮނުއްވެވި ސިޓީފުޅުގައިވާ ގޮތުން، ޠާރިޤް އިބްރާހީމް އައްޔަން ކުރެއްވުމަށް ނިންމަވާފައިވަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށެވެ. ޠާރިގަކީ މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރުގެ މަޤާމާއި، މީގެ ކުރިން ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން، ޤަތަރަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށް އައްޔަން ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ކުރީގެ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

މި ދެ ބޭފުޅުން ވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ގެންނަވަން ބޭނުންފުޅުވި އިދާރީ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. ވަޒީރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، މި ދެ ބޭފުޅުން މިހާތަނަށް ތިއްބެވީ ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖުގެ މަޤާމުގައެވެ.

މި ދެ ބޭފުޅުން ސަފީރުކަމަށް އައްޔަންކުރުމާ މެދު ގޮތެއް ނިންމުމަށްޓަކައި، މި މައްސަލަ މިހާރު ވަނީ ދިރާސާކުރުމަށް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450