ޚަބަރު
ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ، 15 އަހަރުގެ ޖަލު ހުކުމެއް!
ޖަލަށްލުމަށް ހުކުމްކުރި މީހާ/ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީގުކުރި، ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ މުރަކަ/ގއ. ކަނޑުހުޅުދޫ، ޝަރަފުﷲ އިސްމާޢީލް (43އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ޚިދުމަތަށް މި މައްސަލަ ހުށަހެޅުމާއެކު، މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަޙުޤީގު ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައެވެ. މި މައްސަލާގައި ހުށަހެޅުނު ހެކިތަކަށާއި ޤާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، ޝަރަފުﷲ އިސްމާޢީލްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފައި ވަނީ 2026 އެޕްރީލް 30 ވަނަ ދުވަހުއެވެ.
މިއީ ދިވެހިރާއްޖެއަކީ ކުށް މަދު، އަމާން މުޖުތަމަޢެއް ޤާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ ޚިދުމަތުން ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތުގެ ނަތީޖާއެވެ.