Ads by Farudhun

ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 37،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި

ބޯހިޔާވަހިކަމުގެ  މަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 37،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 މޭ 2026، 12:46

12 މޭ 2026، 12:46

މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 37،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ، މިހާތަނަށް ފުރިހަމަކޮށް ހުށަހަޅާފައިވާ 20،000 ފޯމާއި، ޑްރާފްޓް މަރުހަލާގައި ހުރި 17،000 ފޯމާއެކު ޖުމްލަ 37،000 ފޯމު އެބައޮތް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިފަހަރުގެ ޕްރޮގްރާމަކީ ދެމަފިރިންގެ ތެރެއިން އެއްވެސް ފަރާތެއްގެ ނަމުގައި ބޯހިޔާވަހިކަމެއް ނުވަތަ ބިމެއް ނެތް ފަރާތްތަކަށް އަމާޒުކޮށް، ހަރުކަށި އުސޫލުތަކެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އެގޮތަށް ކޮންޓްރޯލްކޮށްގެން ކުރިއަށް ގެންދާއިރުވެސް މިހާ ބައިވަރު އެޕްލިކޭޝަންތައް ލިބުން ދޭހަކޮށްދެނީ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތައް ގިނަކަން،

ވަޒީރު 

ރާއްޖޭގެ ބޯހިޔާވަހިކަމުގެ ތާރީޚަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން އެކި ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާފައިވާ ކަމަށެވެ. އެގޮތުން ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި 1,500 ފްލެޓް އަދި ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި ދައުރުގައި 10,000 އަށްވުރެ ގިނަ ފްލެޓް ބިނާކުރެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ހިޔާ މަޝްރޫޢުގެ 7,000 ފްލެޓާއި ވިނަރެސްގެ 1,344 ފްލެޓް ހިމެނެއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މާލޭ ސަރަހައްދުގައި 3,260 ފްލެޓުގެ އަމަލީ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން ސައުދީ ފަންޑުގެ އެހީގައި 400 ފްލެޓާއި، އިންޑިއާގެ އެލްއޯސީގެ ދަށުން ގުޅީފަޅުގައި 4,000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްތައް ފައިނަލްވެފައިވާކަން އޭނާ ހާމަކުރެއްވިއެވެ.

ދައުލަތުގެ ދަރަނި ބޮޑުވެ، ބޭރުގެ ލޯނު ހޯދުމަށް ހުރި ދަތިތަކާއެކުވެސް، ސަރުކާރުން މަސައްކަތް ކުރަނީ 'އިނޮވޭޓިވް މޮޑެލް' ތަކެއް ބޭނުންކޮށްގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. އެގޮތުން ހިލޭ ބިން ދީގެންނާއި އިންސެންޓިވްސްތައް ދީގެން ކޮންޓްރޯލް އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދިވެހި ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، އިތުރު 3,000 ފްލެޓް އެޅުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450