ޚަބަރު
ދައުލަތުގެ މުއައްސަސާތައް ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ދަނީ ކުރިއަށް: ވަޒީރު އިޙްސާން
ވަޒީރު އިޙްސާން/ފޮޓޯ: ޕީއެސްއެމް
މޯލްޑިވްސް 2.0 ގެ ދަށުން ދައުލަތުގެ މުއައްސަސާތައް ޒަމާނީކޮށް، ސްމާޓް ޕަބްލިކް ސާވިސަސް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް ހަލުވި މިނުގައި ކުރިއަށްދާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، 21 ވަނަ އޭޝިއާ މީޑިއާ ސަމިޓް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ. މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓަކީ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން އިންތިޒާމުކުރާ ސަމިޓެކެވެ. "މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިޢާރުގެ ދަށުން ބާއްވާ މި ސަމިޓް ކުރިއަށްދާނީ މިހިނގާ މޭ މަހުގެ 11 އިން 14 ވަނަ ދުވަހުގެ ނިޔަލަށް ވިލާ ނޯޓިކާގައެވެ.
މި ސަމިޓު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގައި މޯލްޑިވްސް 2.0 ގެ ނަމުގައި ޤައުމީ ޑިޖިޓަލައިޒޭޝަންގެ ބޮޑު މަޝްރޫޢެއް ފަށާފައިވާއިރު، މިއީ ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމާއި، ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޓްރާންސްފޯމަޓިވް އެޖެންޑާއެއް ކަމަށެވެ.
އަޅުގަނޑުމެން މިދަނީ ސަރުކާރުގެ ނިޒާމުތައް ޑިޖިޓަލައިޒްކޮށް، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރުކޮށް، ހާމަކަން ބޮޑު، އަދި ރައްޔިތުން މަރުކަޒުކޮށްގެން ކޮންމެހެން ބޭނުންވާ ޢާންމު ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ މަގުފަހި ކުރަމުން. ހަމައެއާއެކު، މުޖުތަމަޢުތަކުގެ މެދުގައި އޮންނަ ބައިބައިވުންތައް ކުޑަކުރުމަށްޓަކައި ޑިޖިޓަލް ކަނެކްޓިވިޓީ އާއި ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗަރަށް އިންވެސްޓް ކުރަމުން މިގެންދަނީ.
ވަޒީރު ވިދާޅުވިިއެވެ.
މީގެ އިތުރުން، މީޑިއާ އާއި ޓެކްނޮލޮޖީ ކުރިއަށްވުރެ ބާރަށް ތަރައްޤީވަމުންދާ ދަނޑިވަޅެއްގައި މިފަދަ މުހިންމު ސަމިޓެއް ބޭއްވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މި ސަމިޓަކީ އިވެންޓަކަށްވުރެ މާ ބޮޑު ސަމިޓެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޑިޖިޓަލް ކަނެކްޓިވިޓީއާއި، އާޓިފިޝަލް އިންޓެލިޖެންސާއި، އިންސްޓަންޓް ކޮމިއުނިކޭޝަންގެ ސަބަބުން ދުނިޔޭގައި އެއްވެސް ޤައުމަކަށް އެކަނި ކުރިއަށް ނުދެވޭނެކަމަށް ވިދާޅުވެފައެވެ.
މީޑިއާ އާއި ޓެކްނޮލޮޖީގެ މުސްތަޤްބަލް ބިނާކުރަންޖެހޭނީ، އަޅުގަނޑުމެންގެ މުޅި ސަރަޙައްދުގެ ޕާޓްނަރޝިޕްތަކާއި، ދެ ފަރާތުން ހިއްސާ ކުރާ މައުލޫމާތާއި، ދެފަރާތުގެ އިތުބާރުގެ ތެރެއިން. މިއަހަރުގެ ސަމިޓް ތީމް "މޯލްޑިވްސް 2.0 – ފްރޮމް ޓްރެޑިޝަން ޓު ޓެކް" އިން ދައްކުވައިދެނީ ހަމައެކަނި ޤައުމީ ޝައުގުވެރިކަމެއް ނޫން. ޤައުމުތަކުން ޑިޖިޓަލް ޓްރާންސްފޯމަޝަން ޤަބޫލުކުރެވޭނެ ގޮތުގެ ފުޅާ ތަސައްވުރެއް.
ވަޒީރު އިތުރަށް ވިދާޅުވިއެވެ.
ރާއްޖެއަކީ ގުދުރަތީ ރީތިކަމާއި، ކަނޑުތަކާއި، ހުދު ވެލިގަނޑު ގޮނޑުދޮށްތަކާއި، އިންޑިއާ ކަނޑުގެ އެކި ހިސާބުތަކުގައި އެކި ދިމަދިމާލުގައި ހުރި ޖަޒީރާތަކުގެ ސަބަބުން ދުނިޔެއަށް މަޝްހޫރު ތަނެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމެއް ތަރައްޤީވަމުން އަންނައިރު ޑިޖިޓަލް ޓްރާންސްފޯމަޝަނަކާ ދިމާލަށް ދިޔުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ސަބަބުން ޖިއޮގްރަފީގެ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށް ވަޒީރު ވިދާޅުވިިއެވެ.
ހަމަ އެހެންމެ، ޚިދުމަތް ފޯރުކޮށްދިނުން ރަނގަޅުކޮށް، މުއައްސަސާތަކުގެ ޤާބިލުކަން ހަރުދަނާކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ޕްލެޓްފޯމްސް، އޮޓޮމޭޝަން، އަދި ޑޭޓާ ޑްރައިވަން ސިސްޓަމްސް ހިމެނޭ ގޮތަށް އުފެދިފައިވާ ޓެކްނޮލޮޖީތައް މިހާރު ދަނީ ބޭނުން ކުރަމުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީއާ ގުޅިގެން މިއަހަރުގެ ސަމިޓް ދިވެހިރާއްޖޭގައި އިންތިޒާމް ކުރަނީ ޕަބްލިކް ސަރވިސް މީޑިއާ އިންނެވެ.