ވިޔަފާރި / ޚަބަރު

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ބޮޑު ތަރުހީބެއް: މިހާތަނަށް 225 އެޕްލިކޭޝަން

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ބޮޑު ތަރުހީބެއް: މިހާތަނަށް 225 އެޕްލިކޭޝަން

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ފޮޓޯ: ބީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 މޭ 2026، 11:51

12 މޭ 2026، 11:51

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް މިހާތަނަށް 225 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާ ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ވަޒީރު ހާމަކުރެއްވި ގޮތުގައި މިހާތަނަށް ލިބިފައިވާ އެޕްލިކޭޝަންތަކުގެ ތެރޭގައި އަމިއްލަ ފަރުދުންގެ 158 ފަރާތަކާއި، ވިޔަފާރިތަކަށް ނިސްބަތްވާ 61 ފަރާތެއްގެ އިތުރުން 20 ރަށަކުން 4 އެންޖީއޯއެއް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާއިރު، އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މިދިޔަ 2025 ވަނަ އަހަރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު މައުރަޒަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ފުޅާ އަދި އެންމެ ކާމިޔާބު އުފެއްދުންތެރިކަމުގެ މައުރަޒުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ މައުރަޒުގެ ހާއްސަ ސިފަތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ދިވެހި އުފެއްދުންތެރިންގެ އިތުރުން ބޭރުގެ ފަރާތްތަކަށް ވެސް ސްޓޯލްތައް ބެހެއްޓުމުގެ ފުރުސަތު މިފަހަރު ފަހިކޮށްދީފައިވާނެ ކަމަށެވެ.

"މޯލްޑިވްސް އެކްސްޕޯ 2026" ގެ ނަމުގައި ބޭއްވޭ މި މައުރަޒަކީ އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކުރާ ހަރަކާތެކެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އެކްސްޕޯގެ ރަސްމީ ޕޯޓަލް (https://www.expo.mv) މެދުވެރިކޮށް ހުޅުވާލެވިފައެވެ. އަދި މައުރަޒުގައި ތަކެތި ބައިވެރިކުރުމުގެ އުސޫލު ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.

މި މައުރަޒުގެ މައިގަނޑު މަގްސަދަކީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމާއި، ރާއްޖޭގެ ފަންނުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކޮށް އިޝްތިހާރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. ދިގު މުއްދަތަކަށް މެދުކެނޑިފައި އޮތުމަށްފަހު މި މައުރަޒު އަލުން ބޭއްވުމަށް ނިންމަވައި، އެކަން އިއުލާނުކުރެއްވީ ރައީސް ޑރ. މުއިއްޒުގެ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450