ޚަބަރު
މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކަށް ސަޢުދީން ވަފުދެއް ރާއްޖެއަށް
މަރުޙަބާ ކިޔުން/ފޮޓޯ: ވުޒާރާ
މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކަށް ސަޢުދީ ޢަރަބިއްޔާއިން 18 ބޭފުޅުންގެ ވަފުދެއް ރާއްޖެ ވަޑައިގެންފި އެވެ.
1447 ވަނަ އަހަރު ދިވެހި ޙައްޖުވެރިން ފުރުމުގެ އިންތިޒާމުތަކަށް ރާއްޖެއަށް ވަޑައިގެންނެވި މައްކާ ރޫޓު އިނީޝިއޭޓިވްގެ ވަފުދަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ޙައްޖުވެރިންގެ ދަތުރު ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަޢުދީ ޢަރަބިއްޔާއިން ކުރިއަށްގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނާފައިވަނީ 1446 ވަނަ އަހަރުގެ ޙައްޖު މޫސުމުގައެވެ. އެގޮތުން މިދިޔަ އަހަރު ދިވެހިރާއްޖޭގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މައްކާ ރޫޓް އިނިޝިއޭތްގެ އިންތިޒާމުތައް ސައުދީއިންއިން ހަމަޖައްސައިދެނީ ނިސްބަތުން ގިނަ ޙައްޖުވެރިން ދަތުރުކުރަމުންދާ ޤައުމުތަކަށް އެކަންޏެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގން ރާއްޖެއަށް މިކަން ހަމަޖެހުނީ ދެ ޤައުމުގެ ދޭތެރޭގައި އޮންނަ ގާތް ގުޅުމުންކަމަށް ސަރުކާރުން ވަނީ ކުރިން ހާމަކޮށްފައެވެ.

މި ޚިދުމަތާއެކު ދިވެހި ޙައްޖުވެރިން ސަޢުދީއަށް އެތެރެވުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ނިމޭއިރު، ޙައްޖުވެރިންގެ ފޮށިތައްވެސް މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަރާތުން ޙައްޖުވެރިން ތިއްބަވާ ހޮޓަލާއި ހަމައަށް ގެންގޮސްދެއެވެ. އެހެންކަމުން ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ޙައްޖުވެރިންގެ ދަތުރަށް ބޮޑު ފަސޭހައެއް ލިބިގެންދެއެވެ.
މި އަހަރަށް ބަލާލާއިރު، ޖިއްދާ އެއާރޕޯޓުން ޙައްޖުވެރިންގެ ލަގެޖުތައް ހޯދުމާއި އުފުލުމުގައި ބުރައެއް އުފުލަން ނުޖެހި، މިދިޔަ އަހަރަށް ވުރެ އެކަން ފުރިހަމަ ކުރުމަށް ދިވެހި ޙައްޖު މިޝަނުން އިތުރު މަޝްވަރާތަކެއް ކުރިޔަށްގެންގޮސްފައިވެއެވެ. އެހެންކަމުން އަހަރުން އަހަރަށް މި ޚިދުމަތް އަންނަނީ ފުރިހަމަކުރަމުންކަން ފާހަގަކޮށްލެވެއެވެ.
މި އަހަރުގެ ޙައްޖު މޫސުމުގައި ފުރާ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މި މަހުގެ 15 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.