Ads by Farudhun

ޚަބަރު

ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ ޚާއްޞަ އެހީތެރިކަން އިތުރުކުރުމަށް ޚާރިޖީ ވަޒީރު ގޮވާލައްވައިފި

ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ ޚާއްޞަ އެހީތެރިކަން އިތުރުކުރުމަށް ޚާރިޖީ ވަޒީރު ގޮވާލައްވައިފި

ޚާރިޖީ ވަޒީރު/ފޮޓޯ: ވުޒާރާ

11 މޭ 2026، 04:31

ކަނޑުތަކާ ގުޅޭ މިންގަނޑުތައް ކަނޑައަޅައި ހިންގުމުގައި ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ ޚާއްޞަ އެހީތެރިކަން އިތުރުކުރުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފި އެވެ.

ވަޒީރު މިފަދައިން ގޮވާލެއްވީ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ބައްދަލުވުން އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވަޒީރު އިރުތިޝާމް ދެއްކެވި ވާހަކަފުޅުގައި، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމުގައި ދިވެހިރާއްޖެއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، އިންޑިއާ ކަނޑުގެ ސަރަޙައްދު ހިމާޔަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި، މި ސަރަޙައްދަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށް ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، ކަނޑުތަކުގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލައިފައިވާ ނިޒާމަކީ، ހުރިހާ ޤައުމެއްގެ ޚާއްޞަ ބޭނުންތައް، ޚާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކުގެ މައްސަލަތައް ހައްލުކުރުމަށް އެކަށޭނެ ނިޒާމަކަށްވުމަކީ މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ. އަދި މަސްވެރިކަމާ ގުޅޭ މުހިންމު ނިންމުންތަކުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ހަމަހަމަ ހިއްސާ ކަށަވަރުކުރުމަށް، މި ޤައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ފޯރޮކޮށްދިނުމަކީ ވެސް މުހިންމުކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމުޢިއްޔާތައް އެކުއެކީގައި އެއް ލަނޑުދަނޑިއެއް ހާސިލްކުރުމަށް މަސައްކަތްކުރުމަށް ވެސް ވަޒީރު ގޮވާލައްވާފައިވާއިރު، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

އައި.އޯ.ޓީ.ސީ. ގެ މެމްބަރު ޤައުމަކަށްވުމަށްފަހު ރާއްޖެއިން މި ޖަމުޢިއްޔާގައި އިސް ދައުރެއް އަދާކުރަމުންދާއިރު، ދެމެހެއްޓެނިވި މަސްވެރިކަމުގެ ދާއިރާއިން ކުދި ޤައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450