ޚަބަރު
މުސާރައިގެ ކުރިއެރުން ލިބިފައިނުވާ ފަރާތްތަކަށް މިމަހުން ފެށިގެން މުސާރަ ބޮޑުވާނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް
ނެޝަނަލް ޕޭކޮމިޝަނުން، ޕޭ ހަރމަނައިޒް ކުރިއިރު އެކި ސަބަބުތަކާހުރެ މުސާރައިގެ ކުރިއެރުން ލިބިފައިނުވާ ފަރާތްތަކަށް މިމަހުން ފެށިގެން މުސާރަ ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕޭހަރމަނައިޒް ކުރެވުނުއިރު، ހިއުމަން ރިސޯސަސް ދާއިރާއާއި ލީގަލް ދާއިރާގެ ބައެއް މުވައްޒަފުންނާއި ކައުންސިލްތަކުގެ ބައެއް މަޤާމްތަކުގެ މުވައްޒަފުންނަށް މުސާރަ ބޮޑުވުމުގެ ބަދަލުގައި، އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމާއި ބައެއް ފަރާތްތަކުގެ މުސާރައަށް ކުރިއެރުން ލިބިފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެކަން މިހިނގާ މޭ މަހުން ފެށިގެން ހައްލުވެ، ލިބޭ މުސާރަ ބޮޑުވާނެ ކަމުގެ ޔަޤީންކަން ޕޭ ކޮމިޝަނުން ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެއާއެކު، މީގެ ފަހުންވެސް ޕޭ ހަރމަނައިޒްކުރުމުގެ ތެރެއިން އެއްވެސް މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލެއް ނާންނަ ނަމަ ވަކިވަކިން ނަމަވެސް ކޮމިޝަނުން އެކަން ބައްލަވާ އެކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް ޢަމަލުކުރަން ފެށި މި ޕޭ ފްރޭމްވޯކުގެ ދަށުން 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާއިރު، ނޭޝަނަލް ޕޭ ފްރޭމްވޯކަކީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރައާއި އިނާޔަތް އެއްހަމަ ކުރުމުގެ ގޮތުން ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ މުހިންމު އޮނިގަނޑެކެވެ.
ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމާ ގުޅިގެން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ކުޑަވާ ބައި ހަމަޖެއްސުމަށްޓަކައި ޚާއްޞަ އިންތިޒާމެއް ހަމަޖައްސާފައިވާކަން މާލީ ވުޒާރާއިން ފާހަގަކުރެއެވެ.