ޚަބަރު
މިދިޔަ ހޮނިހިރު ދުވަހު މަސްކިރުވި ދޯނިތަކަށް 1.8 މިލިއަން ރުފިޔާ ދޫކޮށްފި
މަސްކިރަނީ/ފޮޓޯ: މިރާޝް
މިދިޔަ ހޮނިހިރު ދުވަހު މަސްކިރުވި ދޯނިތަކަށް ދޫކުރި ފައިސާގެ ޢަދަދު 1.8 މިލިއަނަށް އަރާކަމަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިިފ އެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިމަހުގެ 09 ވަނަ ދުވަހު އެ ކުންފުނިން މަސް ކިރުވި 34 ދޯންޏަކަށް ވަނީ ފައިސާ ދައްކާފައެވެ. އެގޮތުން، އެ ދޯނިތަކަށް މިފްކޯ އިން ވަނީ 1،893،642 ރުފިޔާ ދޫކޮށްފަ އެވެ.
އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު އެ ކުންފުންޏަށް ކަޅުބިލަމަސް ކިރުވި 30 ދޯންޏަކަށް 1،801،082 ރުފިޔާ ވަނީ ދޫކޮށްފައެވެ. ހަމަ އެއާއެކު، 10 ކިލޯއިން މަތީގެ ކަންނެލި ކަންނެލި ކިރުވި 5 ދޯންޏަކަށް 6،560 ވަނީ ޖަމާކޮށްފައެވެ. މީގެ އިތުރުން، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 13 ދޯންޏަކަށް އެ ކުންފުނިން ވަނީ 86،000 ރުފިޔާ ދޫކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮށް، މަސްވެރިން ކިރުވާ މަހަށް މިހާރު 48 ގަޑިއިރުގެ ތެރޭގައި އަންނަނީ ފައިސާ ދޫކުރަމުންނެވެ. މިކަމާއި ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާކަމަށް މިފްކޯ އިން މަޢޫލޫމާތު ދެއްވައެވެ. މީގެ އިތުރުން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ޤަވާއިދުން ފައިސާ ދޭން ފެށުމުގެ ސަބަބުން ދޯނިތަކުން ފޭބި ޒުވާން މަސްވެރިން އަނބުރާ ދޯނިތަކަށް އަންނަން ފަށާފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، ސަރުކާރުން ދަނީ މިފްކޯގެ ހިންގުމަށް ބަދަލުގެނެސް، މިފްކޯއަކީ ފައިދާވާ ދެމެހެއްޓެނިވި ވިޔަފާރިއަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ.