Ads by Farudhun

ޚަބަރު

ސަރުކާރުން މަސައްކަތްކުރަނީ އިންޑިއާ ކަނޑުގެ ވަޞީލަތްތައް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށް: ވަޒީރު ޝިޔާމް

ސަރުކާރުން މަސައްކަތްކުރަނީ އިންޑިއާ ކަނޑުގެ ވަޞީލަތްތައް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށް: ވަޒީރު ޝިޔާމް

ވަޒީރު ވާހަކަފުޅު ދެއްކެވުން/ފޮޓޯ: ވުޒާރާ

11 މޭ 2026، 01:48

ދިވެހި ސަރުކާރުން މަސައްކަތްކުރަނޯ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، އިންޑިއާ ކަނޑުގެ ވަޞީލަތްތައް ޒިންމާދާރުކަމާއެކު ބަލަހައްޓާ ފަރާތެއްގެ ގޮތުގައި ރާއްޖެއިން އަދާކުރާ ދައުރު ވަރުގަދަކުރުމަށްކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ އަހަރީ ބައްދަލުވުން މިއަދު ރާއްޖޭގައި ރަސްމީކޮށް ފެށުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އައި.އޯ.ޓީ.ސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި، އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުޞޫލުތަކުގެ ދަށުން އެ ވަޞީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ އިދާރާއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ މަސްވެރި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މި ސިނާޢަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކަމަށެވެ. ހަމަ އެއާއެކު، އިންޑިއާ ކަނޑުގެ ވަޞީލަތްތައް ޒިންމާދާރުކަމާއެކު ބަލަހައްޓާ ފަރާތެއްގެ ގޮތުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު ވަރުގަދަކުރުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއަށް ބަލާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަކީ ހަމައެކަނި ފަލްސަފާއެއް ނޫން. އެއީ އަބަދުވެސް އަޅުގަނޑުމެންގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއް. އަންނަން އޮތް ޖީލުތަކުގެ ފާގަތިކަން ބިނާވެފައިވަނީ ކަނޑުފަޅުތަކުގެ ދިރުމާއި ދުޅަހެޔޮކަމުގެ މައްޗަށް.

ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޑިއާ ކަނޑަކީ އެންމެން ގުޅުވައިދޭ ވަޞީލަތެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އިންޑިއާ ކަނޑުގެ މުސްތަޤުބަލު ބިނާވެފައިވަނީ، އެކަކު އަނެކަކަށް އިތުބާރުކޮށް، އިންސާފުވެރިކަމާއެކު، އަދި އެންމެންގެ ޒިންމާއެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ކަމަށެވެ. ހަމަ އެހެންމެ، މި ބައްދަލުވުމުގައި ނިންމާ ނިންމުންތަކަކީ، އައްސޭރިފަށުގެ މުޖުތަމަޢުތަކާއި، ކާނާގެ ރައްކާތެރިކަމާއި، ރައްޔިތުންގެ އާމްދަނީގެ އިތުރުން، ދުނިޔޭގެ އެންމެ މުހިންމު އެއް ވަޞީލަތް ކަމުގައިވާ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅުތަކަކަށް ވެގެންދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އައި.އޯ.ޓީ.ސީ ގެ 30 ވަނަ އަހަރީ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450