ޚަބަރު
ނޫސްވެރިކަމަކީ މީހުންގެ އަބުރަށް އަރައިގަންނަން ލިބޭ ފާހެއްނޫން: ރައީސް މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ނޫސްވެރިކަމުގެ މިނިވަންކަމަކީ އެއްވެސް މީހެއްގެ އަބުރަށް އަރައިގަތުމަށް ލިބޭ "ލައިސަންސެއް" ނޫން ކަމަށާއި، މިނިވަންކަމުގެ ބޭނުން ހިފަންވާނީ އިސްލާމްދީނާއި ޤާނޫނުއަސާސީގެ އިމުގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތީ ވަރަށް ފުޅާކޮށް ކަމަށެވެ. އަދި ރާއްޖެއަށްވުރެ ބޮޑަށް މި މިނިވަންކަން އޮތް އެހެން ޤައުމެއް އޮންނާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވެފައި، ޤާނޫނުއަސާސީގައި ކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާތީ، މި ސަރުކާރުން އަބަދުވެސް "ރޫލް އޮފް ލޯ" ނުވަތަ ޤާނޫނީ ސިޔާދަތު ހިފަހައްޓާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި އިސްލާމްދީނުގައި މަނާކޮށްފައި ހުރި ކަންކަން ނުކުރެވޭނެ. ޤާނޫނުއަސާސީއާ ޚިލާފު ކަންކަން ނުކުރެވޭނެ. އެއީ އެއްވެސް ފަރާތަކަށް ލިބިފައި އޮތް ޙައްޤެއް ނޫން،"
ރައީސް މުޢިއްޒު
ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިޝާރާތް ކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމަށް ލިބޭ ހުއްދައެއް ނޫން ކަމަށެވެ. އަދި މުސްލިމަކަށް ވީތީވެސް، އެއްވެސް މީހެއްގެ އަބުރަށް އަރައިގަތުމުގެ ލައިސަންސެއް އެއްވެސް ފަރާތަކަށް ނޯންނާނެކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ކޮންމެ ދިވެހި ރައްޔިތަކުވެސް މަސައްކަތް ކުރަންޖެހޭނީ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތަކާއި މިންތަކުގެ ތެރޭގައެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ ހުރިހާ ފަރާތްތަކަކުންވެސް ޒިންމާދާރުކަމާއެކު މިނިވަންކަމުގެ ބޭނުން ހިފުމަށް އިލްތިމާސް ކުރައްވާފައެވެ.