Ads by Farudhun

ޚަބަރު

އައި.އޯ.ޓީ.ސީ ގެ 30 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ރަސްމީކޮށް ފަށައިފި

އައި.އޯ.ޓީ.ސީ ގެ 30 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ރަސްމީކޮށް ފަށައިފި

ބައްދަލުވުން ފެށުން/ފޮޓޯ: ވުޒާރާ

11 މޭ 2026، 12:36

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ އަހަރީ ބައްދަލުވުން މިއަދު ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ.

މިއީ މި ކޮމިޝަނުގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެވެ. މި ރަސްމިއްޔާތުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވެސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުން އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ދިވެހިންނާއި ކަނޑާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ހަމަ އެހެންމެ، ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމަށް ރާއްޖެއިން ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތުތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ އެއްބާރުލުމާއި، ސައިންސުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކަނޑުމަހުގެ ވަޞީލަތްތައް ބެލެހެއްޓުމުގައި، އަތިރީމަތީ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އަޑުތަކާއި އެ ޤައުމުތަކުގެ ހާލަތްތައް ބަލައިގަތުމުގެ މުހިންމުކަމަށް ވެސް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. އަދި މި ކޮމިޝަނުން ކުރިއަށްގެންދާ މަޝްވަރާތަކަކީ ނަތީޖާ ނެރެވޭނެ، ބިނާކުރަނިވި މަޝްވަރާތަކަކަށް ހެދުމަށް އެދިވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އައި.އޯ.ޓީ.ސީގެ މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ކަނޑުތަކުގެ ހިންގުމުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް ސަރުކާރުން ދެއްވާ ޚާއްޞަ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެކެވެ. މިފަދަ މުހިންމު ބައްދަލުވުންތަކެއް ރާއްޖޭގައި ބޭއްވުމަކީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި، އެ ދާއިރާ ހިންގާ ބެލެހެއްޓުމުގައި ރާއްޖެއިން އަދާކުރާ އިސްދައުރު ހާމަކޮށްދޭ ކަމެކެވެ.

މި މަހުގެ 15 ދުވަހުގެ ނިޔަލަށް ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ އައި.އޯ.ޓީ.ސީ ގެ 30 ވަނަ އަހަރީ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އައި.އޯ.ޓީ.ސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި، އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުޞޫލުތަކުގެ ދަށުން އެ ވަޞީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ އިދާރާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450