ޚަބަރު
ޤާނޫނާ ޚިލާފަށް ސިޔާސީ ޙަރަކާތްތައް ހިންގުމުން ޕީއެންއެފް އަށް އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް
ޕީއެންއެފްގެ އެއްވުމެއްގެ ތެރެއިން/ފޮޓޯ: ދައުރު
ޤާނޫނާ ޚިލާފަށް ސިޔާސީ ޙަރަކާތްތައް ހިންގަމުންދާތީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ޕީއެންއެފް އިން މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދާ ސިޔާސީ ޙަރަކާތްތަކުގައި ޢާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ވާހަކަ ދައްކައި، ޢާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ޙަރަކާތްތައް ހިންގަމުންދާކަން ފާހަގަކުރެވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މީގެ ކުރިން ވަނީ، ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފުނުވާ ގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް އިލްތިމާސްކުރައްވާފައެވެ.
ނަމަވެސް އެއަށްފަހު ވެސް އެ ޕާޓީން ޤާނޫނާ ޚިލާފުވެފައިވާތީ، އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފަށް ފޮނުވި ސިޓީގައި ވިދާޅުވީ، ސިޔާސީ ޕާޓީގެ ޤާނޫނުން ޕާޓީތަކުގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށެވެ. ހަމަ އެހެންމެ، ސިޔާސީ ޕާޓީގެ ޤާނޫނުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ނުބޭއްވުމަށާއި އެފަދަ ބައްދަލުވެއް ބާއްވާނަމަ ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް ބަޔާންކޮށްފައިވާކަން ވެސް އީސީން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ ޤަވާއިދުގެ ދަށުން ޢާންމު ބައްދަލުވުން ބާއްވާ ތަނާއި ވަގުތާއި ބައްދަލުވުމުގެ ބާވަތް އެ ބައްދަލުވުމެއް ބޭއްވުމުގެ 24 ގަޑިއިރުކުރިން އެ ކޮމިޝަނަށް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، މިހާރު ޕީއެންއެފުން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި އެ ޤާނޫނާއި ޤަވާއިދުތަކާއި ތަކުރާރުކޮށް ޚިލާފުވެފައިވާކަމަށް އީސީން ވިދާޅުވިއެވެ. އަދި މިކަމުގައި ނަޞޭޙަތްތެރިވެ، ކޮމިޝަނާ ބައްދަލުކުރުމުގެ ދައުވަތު ފޮނުވި ނަމަވެސް ސިޓީގެ ޖަވާބެއް ދީފައިނުވާއިރު، ބައްދަލުކުރުމަށް އިންކާރުކޮށްފައިވާ ކަމަށްވެސް އިލެކްޝަނުން ވިދާޅުވިއެވެ.
އެހެންކަމުން، ޕީއެންއެފުން ތަކުރާރުކޮށް އެ ޤާނޫނާއި ޤަވާއިދުތަކަށް ޚިލާފުވެފައިވާތީ އެ ޕާޓީ 100،000 ރުފިޔާއިން ޖޫރިމަނާ ކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، ޕީއެންއެފާއި އެ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ޤާނޫނާ ޚިލާފު ޢަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށްފައިވާއިރު، މި ޢަމަލުތައް ތަކުރާރުވާނަމަ އެ ޢަމަލެއް ހިންގާ ފަރާތްތަކާމެދު ވެސް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އީސީން ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ވިދާޅުވީ، ޤާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް އެ ކޮމިޝަނުން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށެވެ.