ޚަބަރު
"އަދަދު" ނޫހުގެ ނޫސްވެރިޔާ ޝަހްޒާން ކޯޓު އަމުރާ ޚިލާފުވެ، ގަސްތުގައި ކޯޓުގެ ހުރުމަތް ކަނޑާލައިފި
ޝަހުޒާން/ފޮޓޯ: ރައީސް އޮފީސް
އަދުގެ ސަރުކާރާ ދެކޮޅަށް އެއްވެސް އަސާސެއް ނެތް ޙަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާ "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން ކޯޓު އަމުރާ ޚިލާފުވެ، ގަސްތުގައި ކޯޓުގެ ހުރުމަތް ކަނޑާލައިފިއެވެ.
މިކަން ހިނގާފައިވަނީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ކަނޑައެޅިގެން ޚިލާފުވެ، ސަރުކާރަށް ޖެއްސުންކުރަން މަސައްކަތްކުރުމުގެ ސަބަބުން ޝަހްޒާން ވަނީ މާލަމުން ބޭރުކޮށްފައެވެ.
މި ބައްދަލުވުމުގައި، ސުވާލުކުރައްވަން ފުރުޞަތު ލިބުމާއެކު، ސަރުކާރާ ދެކޮޅު އެޑިޓޯރިއަލް ޕޮލިސީއެއް ގެންގުޅޭ ކަމަށް އަމިއްލައަށް އިޢުތިރާފުވެފައިވާ 'އަދަދު' ނޫހުގެ ނޫސްވެރިޔާ ޝަހުޒާން، ގަސްތުގައި ރައީސްގެ އަބުރާ އިއްޒަތަށް އަރައިގަނެ، ހަޑި މުޑުދާރުކޮށް ސުވާލުކުރަން ފެށުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަން ހުއްޓުވާފައެވެ. ހަމަ އެހެންމެ، ޝަހުޒާން މަސައްކަތް ކުރަނީ ގަސްތުގައި "ސީން އެއް" ދެއްކުމަށް ކަމަށާއި، ކޯޓު އަމުރާ ޚިލާފަށް ރައީސް އޮފީހުގެ ތެރޭގައި ގާނޫނާއި، އސްލާމީ ޝަރީއަތަށް ގޮން ޖަހަން ޖާގަ ނުދެއްވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ ނޫސްވެރިޔާ ކުރަމުންދަނީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑު އެދެނީ ޝަހުޒާން މި މާލަން ދޫކުރައްވާ ވަޑައިގަންނަވަން. ކަނޑައެޅިގެން ދޮގު ވާހަކަ، ދޮގު ތުހުމަތު އަޅުގަނޑު ބޮލުގައި ތި އަޅުވަނީ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އަބުރަށް ހުތުރުވާ ގޮތަށް ކުރާ ދޮގު ތުހުމަތުތައް ބަލައިނުގަންނާނެ ކަމަށާއި، ރައީސް އޮފީހުގެ ޕްރެސް ރޫމަކީ 'ރޫލް އޮފް ލޯ' ނުވަތަ ޤާނޫނީ އިމުގެ ތެރެއިން ކަންކަން ހިނގަންޖެހޭ ތަނެއް ކަމަށެވެ. ހަމަ އެއާއެކު، ޝަހުޒާން ކުރި ސުވާލާ ގުޅިގެން މައިކުން އަޑުކަނޑާލާފައި ވަނިކޮށް ވެސް އޭނާ ހަޅޭއްލަވައި، އަޑުގަދަކޮށް، ސުވާލު ކުރިއަށް ގެންދަން މަސައްކަތް ކުރުމުން، ސެކިއުރިޓީން އޭނާ މާލަމުން ނެރެފައިވާކަން ފާހަގަކޮށްލެވެއެވެ.
މި މައްސަލައިގެ ފަހަތުގައި ވަނީ 'އަދަދު' ނޫހުން ދާދިފަހުން އުފެއްދި ޑޮކިއުމެންޓްރީއަކާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޛުފު ކުރުމުގެ ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެވެ. މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ އެ ޑޮކިއުމަންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށާއި، މައްސަލައިގެ ޚަސްމަކާ ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށްވެސް އަމުރުކޮށްފައެވެ.
މިއަދު ރައީސް އޮފީހުގައި ހިނގި މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ކޯޓު އަމުރުތަކަށް ގޮންޖަހައި، ދޮގު މަޢުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނަމުންނެވެ.
އެ މާލަމުން ޝަހުޒާން ނެރުމާއެކު، ރައީސް އޮފީސް ދޮރުމައްޗަށް ފިޔާޒުވެސް އައިސްފައިވާއިރު، އެ ސަރަޙައްދުގައި ތިބެގެން ރައީސް އޮފީހުން ނިކުންނަ ވަޒީރުންނަށް އުނދަގޫކޮށް ފަހަތުން ދުވާ މަންޒަރުވެސް ދަނީ ފެންނަމުންނެވެ.