ޚަބަރު
ހުޅުމާލޭގައި ތަރައްޤީކުރާ "މީޑިއާ ވިލެޖު"ގެ މަސައްކަތް ވަޒީރު އިޙްސާން ބައްލަވާލައްވައިފި
ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރާ "މީޑިއާ ވިލެޖު"ގެ މަސައްކަތް ކުރިއަށްދާ ގޮތް، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ބައްލަވާލެއްވުން ފޮޓޯ: ވުޒާރާ
ރާއްޖޭގެ މީޑިއާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރާ "މީޑިއާ ވިލެޖު"ގެ މަސައްކަތް ކުރިއަށްދާ ގޮތް، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ބައްލަވާލައްވައިފިއެވެ.
މި މީޑިއާ ވިލެޖަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މީޑިއާތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދިނުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށްދަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯއިން ކުރިން ތަރައްޤީކުރި ސިޓީ ހޮޓެލް އިމާރާތުގައެވެ. ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.
ވަޒީރު ޢަލީ އިޙްސާން މި ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި، މަޝްރޫޢު ހިންގާ ފަރާތްތަކާ ބައްދަލުކުރައްވައި، މަސައްކަތްތައް ކުރިއަށްދާ މިންވަރާއި ތަފްޞީލުތައް އޮޅުންފިލުއްވާފައިވެއެވެ. އަމާޒަކީ އަންނަ މަހުގެ ނިޔަލަށް މި ތަނުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، މީޑިއާތަކަށް ހުޅުވާލުމެވެ.
މީޑިއާ ވިލެޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މިނިސްޓަރު ޢަލީ އިޙްސާން މިއަދު އެ ސައިޓަށް ޒިޔާރަތްކުރައްވައިފި. މި ޒިޔާރަތުގައި މިނިސްޓަރު ވަނީ މަޝްރޫޢުގެ ޓީމާ ބައްދަލުކުރައްވައި، މަސައްކަތްތައް ކުރިއަށްދާ މިންވަރު އޮޅުންފިލުއްވާފަ pic.twitter.com/LwuItbySHp
— Ministry of Homeland Security, Labour & Technology (@HomeMinistrymv) May 10, 2026
މި މީޑިއާ ވިލެޖުގައި ޖުމްލަ 34 ޖާގަ ހިމެނޭއިރު، މީގެ ސަބަބުން އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުގައި ބޮޑު ކުލި ދައްކައިގެން މީޑިއާތައް ހިންގަން ޖެހުމުން ކުރިމަތިވާ މާލީ ބުރައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ލުއި އަގެއްގައި އޮފީސް އަދި ސްޓޫޑިއޯ ޖާގަ ފޯރުކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ، މީޑިއާތަކަށް ލިބޭ އާމްދަނީން އެ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމެވެ.