Ads by Farudhun

ޚަބަރު

ކުރީ ސަރުކާރުން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ދަރަނި މިއަދު ދައްކާ ޚަލާޞްކޮށްފި

ކުރީ ސަރުކާރުން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ދަރަނި މިއަދު ދައްކާ ޚަލާޞްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 މޭ 2026، 10:30

11 މޭ 2026، 10:30

ކުރީގެ ސަރުކާރުތަކުން ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ބޮޑެތި ދަރަނިތަކުގެ ތެރެއިން، މިއަދަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނު ދައްކާ ޚަލާޞްކޮށްފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން އިސްކަންދެނީ ރައްޔިތުން ދަރަނިން ސަލާމަތްކުރުމަށް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 40 ދުވަސްތެރޭގައި އެކަނިވެސް ޖުމްލަ 974 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި 524 މިލިއަން ޑޮލަރުގެ ސުކޫކާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ އިތުރުން މިއަދު ދެއްކި 50 މިލިއަން ޑޮލަރު ހިމެނެއެވެ.

މިއަދު ދެއްކި 50 މިލިއަން ޑޮލަރުގެ ތަފްޞީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ އިންޑިއާ ސަރުކާރުން މިދިޔަ ސަރުކާރުން ތިން ފަހަރެއްގެ މަތިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަނީގެ ބައެއް ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރުގެ މާރިޗު، ޖޫން އަދި އޮކްޓޫބަރު މަހު ނެގި މި ދަރަނިތައް މިދިޔަ ސަރުކާރުން އައީ ދައްކަންޖެހޭ މުއްދަތު ހަމަވުމުން އަނބުރާ ރޯލްއޯވަރ ކުރަމުންނެވެ.

މި 150 މިލިއަންގެ ތެރެއިން 50 މިލިއަން އަޅުގަނޑުމެން ވާނީ މިއަހަރުގެ ޖެނުއަރީ 7 ގައި ސެޓަލްކޮށްފައި. ބާކީ އޮތް 100 މިލިއަންގެ ތެރެއިން މިއަދު މި ދެއްކީ 50 މިލިއަން. އިރާދަކުރެއްވިއްޔާ ބާކީ އޮތް 50 މިލިއަން ޑޮލަރުވެސް އަންނަ ސެޕްޓެމްބަރު 17 ގައި ދައްކާ ނިންމައި، އެ ދަރަނީގެ ދަންތުރައިން ރައްޔިތުން ސަލާމަތްކޮށްދޭނަން،

ރައީސް މުޢިއްޒު 

ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ފަތުރަމުންދާ ފަރާތްތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ މަތީ މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދައި، ޤައުމުގެ ތަޞައްވުރު ކިލަނބުކުރަން މަސައްކަތް ކުރާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި ދަރަނި ނެގި ފަރާތްތަކުން، އެ ދަރަނި ދައްކަމުންދާއިރު އެކަމާ ކަންބޮޑުވުން ފާޅުކުރުމަކީ މާކޫލު ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދަރަނިތައް ދައްކަމުންދާއިރުވެސް ދައުލަތުގެ މުވައްޒަފުންގެ މުސާރަ ނުދީ މަޑުނުޖައްސާނެ ކަމަށާއި، ތެލަށް ދައްކަންޖެހޭ ފައިސާވެސް ދައްކަމުންދާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު ބޮޑުވި ނަމަވެސް، އެސްޓީއޯ މެދުވެރިކޮށް ތެޔޮ ހޯދުމުގައި ރައްޔިތުންނަށް ދަތިނުވާނެ އިންތިޒާމުތައް ހަމަޖައްސަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450