Ads by Farudhun

ޚަބަރު

ސައިބަރ ސެކިއުރިޓީ އެޖެންސީ އުފެއްދުމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

ސައިބަރ ސެކިއުރިޓީ އެޖެންސީ އުފެއްދުމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

ސައިބަރ ސެކިއުރިޓީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 މޭ 2026، 09:59

11 މޭ 2026، 09:59

ރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ގެ ނަމުގައި ޤާނޫނީ ބާރުލިބިފައިވާ އިދާރާއެއް ގާއިމުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޚާއްސަ ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާޞިހުއެވެ. މި ބިލަކީ ރާއްޖޭގެ ޑިޖިޓަލް އުމްރާނީ ވަސީލަތްތަކާއި އިންފޮމޭޝަން ސިސްޓަމްތަކަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ހުށަހެޅި ބިލެކެވެ.

ބިލު ހުށަހެޅުމުގެ މަގުސަދު

ސަރުކާރުން ބަޔާންކުރާގޮތުގައި މި ބިލުގެ މައިގަނޑު މަގުސަދަކީ ދައުލަތާއި އަމިއްލަ އިދާރާތަކުގެ މުހިންމު އިންފޮމޭޝަން ސިސްޓަމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން، ރާއްޖޭގެ އެތެރެއިންނާއި ބޭރުން ކުރިމަތިވާ ސައިބަރ ނުރައްކާތައް ދެނެގަނެ، އެފަދަ ހާދިސާތައް ހުއްޓުވުމާއި، އެފަދަ ކަންކަމަށް އިޖާބަދެވޭނެ ހަރުދަނާ ނިޒާމެއް ގައުމީ ފެންވަރުގައި ބިނާކުރުމެވެ.

ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ

މި ބިލު ފާސްވެ ތަސްދީގުވުމާއެކު، މިހާރު ދާޚިލީ ވުޒާރާގެ ދަށުން ހިނގަމުންދާ ސައިބަރ ސެކިއުރިޓީ ޑިޕާޓްމަންޓް، ޤާނޫނީ ބާރުލިބިގެންވާ މިނިވަން އެޖެންސީއަކަށް ބަދަލުވާނެއެވެ. ނަމަވެސް، އިދާރީގޮތުން މި އެޖެންސީ ހިންގާނީ ދާޚިލީ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.

އެޖެންސީގެ އޮނިގަނޑު އެކުލެވިގެންވަނީ ޗެއަރޕާސަނާއި، ޗީފް އެގްޒެކެޓިވްގެ އިތުރުން 3 ޑިރެކްޓަރުން ހިމެނޭހެން ޖުމްލަ 5 މެންބަރުންގެ ބޯޑެއްގެ މައްޗަށެވެ. ސައިބަރ ސެކިއުރިޓީގެ ސިޔާސަތުތައް ކަނޑައަޅާނީ މި އެޖެންސީގެ ލަފާގެ މަތިން ޤައުމީ ސަލާމަތާބެހޭ މަޖިލީހުންނެވެ.

މިންގަނޑުތަކާއި ޖޫރިމަނާ

ބިލުގެ ދަށުން ރާއްޖޭގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރގެ ދާއިރާތައް ކަނޑައަޅައި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ސަލާމަތީ އުސޫލުތައް އެކުލަވައިލެވޭނެއެވެ. ސައިބަރ ސެކިއުރިޓީގެ ޚާއްސަ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ލައިސަންސް ނަގަންޖެހޭއިރު، ލައިސަންސް ނެތި ޚިދުމަތް ދޭ ފަރާތްތައް 50,000 ރުފިޔާ އާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މި ޤާނޫނު ހިނގާނީ ދައުލަތާއި އަމިއްލަ ދާއިރާގެ މުހިންމު ނެޓްވަރކްތަކާއި ޑޭޓާގެ މައްޗަށެވެ. ނަމަވެސް، ސެކިއުރިޓީ ޚިދުމަތްތަކުގައި ހިމެނޭ ފަރާތްތަކާއި ސިސްޓަމްތައް މި ޤާނޫނުން އިސްތިސްނާވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450