ޚަބަރު
އޮޕަރޭޝަން ކުރަނގި: އިއްޔެ އެކަނިވެސް 200 އަށް ވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އޮޕަރޭޝެންގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން
"އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހީގެ ދަށުން އިއްޔެ އެކަނިވެސް 200 އަށް ވުރެ ގިނަ ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިއީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ، ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން އެކުލަވާލާފައިވާ ޓާސްކް ފޯހުން ކުރިއަށް ގެންދާ ޚާއްޞަ އޮޕަރޭޝަނެކެވެ.
އިއްޔެ ޓާސްކް ފޯސްއިން ކުރިއަށް ގެންދިއަ ޚާއްޞަ އޮޕަރޭޝަންގައި 639 ތަނަކުން 1344 ބިދޭސީން ބަލައިފާސްކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 254 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މި އޮޕަރޭޝަންގެ ތިންވަނަ ފިޔަވަހީގެ ދަށުން ބަޔޯމެޓްރިކްސް މަޢުލޫމާތު ނުދީ އުޅޭ ބިދޭސީން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޞައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ޤާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން %98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ވަނީ ނަގާފައިވާ ކަމަށެވެ. އަދި މި އަދަދު 17 ނޮވެމްބަރު 2023 ގައި ހުރީ އެންމެ %13 ގައިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި، ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.