ޚަބަރު
ދިވެހި ޙައްޖުވެރިންގެ ނުސުކް ކާޑުތައް ތަރުތީބުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް
ދިވެހި ޙައްޖުވެރިންގެ ނުސުކް ކާޑުތައް ފޮޓޯ: ޙައްޖު ކޯޕަރޭޝަން
މިއަހަރު ރާއްޖެއިން ޙައްޖުގެ މުޤައްދަސް އަޅުކަމަށް ވަޑައިންނަވާ ޙައްޖުވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ރަވާފް މިނާ އޮފީސް ގުޅިގެން ފުޅާދާއިރާއެއްގައި މަސައްކަތްތަކެއް ފަށައިފިއެވެ.
ރަވާފް މިނާ އޮފީހަކީ ދިވެހި ޙައްޖުވެރިންނަށް ޙައްޖުގެ ޚިދުމަތްތައް ދިނުމުގައި ޙައްޖު ކޯޕަރޭޝަނާއެކު މަސައްކަތްކުރާ ރަސްމީ މުޠައްލިފެވެ. މިއޮފީހުގައި މިހާރު ހަރަކާތްތެރިވަމުންދާ އެޑްވާންސް ޓީމުން ދަނީ ޙައްޖުވެރިންގެ ކަންކަން އެންމެ ފުރިހަމައަށް އިންތިޒާމުކުރުމަށްޓަކައި ރެޔާއި ދުވާލު ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް ޙައްޖު އެންޑް އުމްރާ، އިރުފާން ވިދާޅުވީ، މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްދަނީ ޙައްޖުވެރިންގެ "ނުސުކް ކާޑު" ތަކުގައި ޙާޖީ ނަންބަރު ޖެހުމާއި، ފްލައިޓްތައް ވަކިވަކިން ކާޑުތައް ތަރުތީބުކުރުމުގެ މަސައްކަތް ކަމަށެވެ. މިގޮތަށް ތަރުތީބުކޮށްލުމުން، ޙައްޖުވެރިންނަށް ކާޑު ބަހާއިރު ކަންކަން އިތުރަށް ފަސޭހަވެގެންދާނެކަން އިރުފާން ފާހަގަކުރެއްވިއެވެ.
ނުސުކް ކާޑުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން އިރުފާން ވިދާޅުވީ، މިއީ ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށްޓަކައި ކޮންމެ ޙައްޖުވެރިއަކަށްވެސް އޮތް އެންމެ މުހިންމު އެއް ކާޑު ކަމަށެވެ. އަދި ހުރިހާ ޙައްޖުވެރިންވެސް މި ކާޑަށް ބޮޑު ސަމާލުކަމެއް ދިނުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
ޚާއްޞަކޮށް މަޝާޢިރުގެ ސަރަޙައްދުތަކުގައި (މިނާ، ޢަރަފާތް، މުޒްދަލިފާ) އުޅޭއިރު އަދި ހަރަމްފުޅަށް ޒިޔާރަތްކުރާއިރު ވެސް، އަބަދުވެސް މި ކާޑު ކަރުގައި އަޅާފައި އޮންނަންވާނެ ކަމަށް އިރުފާން ވިދާޅުވިއެވެ.
ނުސުކް ކާޑަކީ ސައޫދީ ސަރުކާރުން ޙައްޖުވެރިންނަށް ދޫކުރާ ރަސްމީ ޑިޖިޓަލް އައިޑެންޓިފިކޭޝަން ކާޑެކެވެ. މިއީ ޙައްޖުވެރިޔާގެ އަމިއްލަ މަޢުލޫމާތާއި، ޙައްޖު ހުއްދައިގެ ތަފްޞީލްތައް ހިމެނޭހެން ފަރުމާކޮށްފައިވާ ވަރަށް މުހިންމު ލިޔުމެކެވެ. ޙައްޖުގެ މުއްދަތުގައި އެކި ސަރަޙައްދުތަކަށް ވަދެނިކުމެވުމާއި، ޗެކްޕޮއިންޓްތަކުން ކާކުކަން ކަށަވަރުކުރުމުގައި މި ކާޑު ބޭނުންކުރެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނުން ގުނާ މުސްލިމުން މި މުޤައްދަސް ދަތުރުފުޅަށް ތައްޔާރުވަމުންދާއިރު، ސައޫދީ އަރަބިއްޔާއިން ޙައްޖުގެ އަޅުކަން ފަސޭހަކުރުމަށް ކަނޑައަޅާފައިވާ މިފަދަ ޝަރުޠުތަކަށް ސަމާލުވުމަކީ ކޮންމެ ޙައްޖުވެރިއަކަށްމެ މަޖުބޫރު ކަމެކެވެ. މި ކާޑު ގެއްލުމުން ނުވަތަ ހަލާކުވުމުން ޙައްޖުގެ އަޅުކަމުގެ ތެރޭގައި ބޮޑެތި ދަތިތަކާ ކުރިމަތިވެދާނެތީ، ޕާސްޕޯޓާ އެއްވަރުގެ ސަމާލުކަމެއް މި ކާޑަށް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއެވެ.