ޚަބަރު
ދިވެހި ޙައްޖުވެރިން ތިބޭ ހޮޓާތަކަށް ބޮޑެތި ބަދަލުތަކެއް: ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށްފި
ދިވެހި ޙައްޖުވެރިން ތިބޭ ހޮޓަލެއްގެ ކޮޓަރި ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ކުރީގެ ތަޖުރިބާތަކަށް ބަލައި، މިއަހަރު ރާއްޖެއިން ޙައްޖަށްދާ ދިވެހި ޙައްޖުވެރިންނަށް މައްކާގައި ތިބުމަށް ހަމަޖެހިފައިވާ ހޮޓާތަކުގެ އިންތިޒާމްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށްފިއެވެ.
ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި، ޙައްޖު ކޯޕަރޭޝަނުން ވަނީ ހޮޓަލުގެ ވެރިފަރާތާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ހޮޓަލުގެ އިމާރާތުގެ ބައެއް މަރާމާތުތައް ކުރުމުގެ އިތުރުން، ބައެއް ފަރުނީޗަރުތައް ވަނީ އައުކޮށްފައެވެ. އަދި ހޮޓަލުގެ ބައެއް އޭރިއާތަކުގައި ކުރިން ހުރި ކާޕެޓްތަކާއި މުށިތައް ބަދަލުކޮށް، ތަނުގެ އާބާތުރަ ފިލުވައި ބޮޑު ބަދަލެއް ވަނީ ގެނެސްފައެވެ.
ދިވެހި ޙައްޖުވެރިން ތިބޭ ކޮޓަރިތަކުގެ އާބާތުރަ ފިލުވައި، ކޮޓަރިތަކަށް ބޮޑު ބަދަލުތަކެއް.#އިތުބާރާއިޔަޤީންކަން#ޙައްޖު1447 pic.twitter.com/TBW9BwKPfO
— Maldives Hajj Corporation Limited (@Hajjcorporation) May 9, 2026
މި އިންތިޒާމްތަކާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ޙައްޖުވެރިންގެ ލުއިފަސޭހައަށްޓަކައި މިއަހަރު އިތުރު ދޮންނަ މެޝިންތައް ބަހައްޓާފައިވާ ކަމަށެވެ.
މިފަހަރު އިތުރު ދޮންނަ މެޝިންތައް ވަނީ އިތުރުކޮށްފައި. އަދި ބަގީގެ ޚިދުމަތް ފުޅާކޮށް، މިހާރު 6 ބަގީ ބޭނުންކުރާނެ ޙަރަމާއި ހޮޓަލާ ދެމެދު ޙާޖީން ދަތުރުކުރުމަށް،
ޝަކީލް
ޙައްޖުވެރިންނަށް ދެވޭ ދީނީ އިރުޝާދުތަކާއި ދަރުސްތަކުގެ އިންތިޒާމްތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ކުރިން ދަރުސްތައް ދިނުމުގައި ދިމާވި ދަތިތަކަށް ބަލައި، މިފަހަރު ދީނީ ޕްރެޒެންޓޭޝަންތައް ދޭއިރު، ދަރުސްދޭ ދެ ހޯލަށްވެސް އެއްފަހަރާ ފެންނާނޭހެން އިންތިޒާމްތައް ބަދަލުކުރުމުގެ މަސައްކަތް ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.
މީގެއިތުރުން، މިނާގައި ޙައްޖުވެރިން ހޭދަކުރާ ވަގުތުތަކުގެ އިންތިޒާމްތަކަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ގެނެސްފައެވެ. އެގޮތުން މިނާގައި ދިވެހިން ތިބޭ ސަރަޙައްދުގައި ހުރި ފާޚާނާތަކުގެ އަދަދު ހަތަރު ގުނަ އިތުރުކޮށްފައިވާއިރު، މިފަހަރު ދިވެހިން ތިބޭ ޓެންޓު ސަރަޙައްދު ބޭނުންކުރާނީ ހަމައެކަނި ދިވެހި ޙައްޖުވެރިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޙައްޖުވެރިންގެ ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، ރާއްޖެއިން ޙައްޖަށްދާ ފުރަތަމަ ގްރޫޕް މައްކާއަށް ދިއުމަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.