Ads by Farudhun

ޚަބަރު

ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ޕާކިސްތާނުން 45 ސްޕެޝަލިސްޓުން ހޯދަނީ

ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ޕާކިސްތާނުން 45 ސްޕެޝަލިސްޓުން ހޯދަނީ

ޕާކިސްޓަނުގެ ޑޮކްާޓަރުން-- ފޮޓޯ : ދަ އެޑިޝަން

10 މޭ 2026، 11:13

ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ބޭނުންވާ ޚާއްސަ ފަރުވާތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ޕާކިސްތާނުން ތަޖުރިބާކާރު ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ތެރަޕިސްޓުން ހޯދުމަށް އިއުލާނުކޮށްފިއެވެ.

ޕާކިސްތާނުގެ ސަރުކާރުގެ އިދާރާއެއް ކަމަށްވާ އޯވަސީޒް އެމްޕްލޯއިމަންޓް ކޯޕަރޭޝަން (އޯއީސީ) އިން ބުރާސްފަތި ދުވަހު އާންމުކުރި އިއުލާނެއްގައިވާ ގޮތުން، ދިވެހިރާއްޖޭގެ ހެލްތު މިނިސްޓްރީގެ ދަށުން މަސައްކަތް ކުރުމަށް ޖުމްލަ 45 މަގާމަކަށް މީހުން ބޭނުންވެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން، ރާއްޖޭގެ ސިއްހީ ޚިދުމަތްތައް ހަރުދަނާކޮށް، އަތޮޅުތެރެއާއި މާލޭގެ ހޮސްޕިޓަލްތަކަށް ދިމާވެފައިވާ ސްޕެޝަލިސްޓުންގެ ދަތިކަން ހައްލުކުރުމަށް ފަށާފައިވާ މުހިންމު މަސައްކަތްތަކުގެ ބައެކެވެ.

ވަޒީފާއަށް ހުޅުވާލާފައިވާ ދާއިރާތަކާއި މުސާރަ:

އޯއީސީގެ އިއުލާނުގައިވާ ގޮތުން ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ފަންނީ މުވައްޒަފުންގެ ތަފްސީލަކީ:

އިންޓާނަލް މެޑިސިން ސްޕެޝަލިސްޓުން: 5 މަގާމު
އެނެސްތީސިއޮލޮޖިސްޓުން: 5 މަގާމު
ސްޕީޗް ތެރަޕިސްޓުން: 10 މަގާމު
ބިހޭވިއަރަލް ތެރަޕިސްޓުން: 10 މަގާމު
އޮކިއުޕޭޝަނަލް ތެރަޕިސްޓުން: 10 މަގާމު
ސައިކޯތެރަޕިސްޓުން: 10 މަގާމު

މި މަގާމުތަކަށް ހޮވޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުސާރައާއި އިނާޔަތްތަކަށް ބަލާއިރު، ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އެލަވަންސްތަކާއެކު މަހަކު 51,540 ރުފިޔާ ލިބޭނެއެވެ. ސައިކޯތެރަޕިސްޓުންނަށް މަހަކު 41,544 ރުފިޔާ ލިބޭއިރު، އެހެނިހެން ތެރަޕިސްޓުންނަށް މުސާރައިގެ ގޮތުގައި މަހަކު 29,802 ރުފިޔާ ލިބޭނެ ކަމަށް އޯއީސީން ބުނެއެވެ. މީގެ އިތުރުން، މި ހުރިހާ މަގާމުތަކަށް ވެސް ހުރުމާއި، ކެއުމާއި އަދި ސާވިސް އެލަވަންސް ސަރުކާރުން ހަމަޖައްސައިދޭނެއެވެ.

ޝަރުތުތަކާއި ކުރިމަތިލުމުގެ މުއްދަތު:

މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ގާބިލު ބަޔަކަށް ވާންޖެހެއެވެ. އެގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންނަކީ އެފްސީޕީއެސް ނުވަތަ އެމްޑީ ސެޓިފިކެޓާއެކު މަދުވެގެން އެއް އަހަރުގެ ތަޖުރިބާ ހުރި ފަރާތްތަކަށް ވާންޖެހެއެވެ. ތެރަޕިސްޓުންގެ ދާއިރާއިން މާސްޓާސް ޑިގްރީއާއެކު ދެ އަހަރުގެ ތަޖުރިބާ ބޭނުންވާއިރު، ސައިކޯތެރަޕިސްޓުންގެ މަގާމަށް ހަތް އަހަރުގެ މަސައްކަތު ތަޖުރިބާ ހުންނަންޖެހެއެވެ.

ޕާކިސްތާނުގެ އޯއީސީ މެދުވެރިކޮށް މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ޝައުގުވެރިވާ ފަރާތްތަކުން އެ އިދާރާގެ ރަސްމީ ވެބްސައިޓް https://oec.gov.pk މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ވަނީ އަންގާފައެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަ ފަރުވާ ހޯދުމަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭ ތެރަޕީގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450