ޚަބަރު
މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ޙައްޖުވެރިންގެ އިންތިޒާމްތަކަށް ސަޢުދީގެ ވަފުދެއް ރާއްޖެ ވަޑައިގެންފި
މި ވަފުދުގެ އިސްބޭފުޅެއް ކަމަށްވާ އޮޕަރޭޝަންސް މެނޭޖަރ ޢުމަރު ޢަބްދުލްމަޖީދު އާރް. އައްދަޢީޖު ފޮޓޯ: ވުޒާރާ
1447 ވަނަ އަހަރުގެ ޙައްޖުގެ މުބާރަކް ދަތުރަށް ފުރާ ދިވެހި ޙައްޖުވެރިންނަށް "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ފޯރުކޮށްދޭ ލުއިފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި، ސަޢުދީ ޢަރަބިއްޔާގެ ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފިއެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ވަފުދުގެ އިސްބޭފުޅެއް ކަމަށްވާ އޮޕަރޭޝަންސް މެނޭޖަރ ޢުމަރު ޢަބްދުލްމަޖީދު އާރް. އައްދަޢީޖު ރޭގެ ވަގުތެއްގައި ވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ. އަދި މި ވަފުދުގައި ހިމެނިވަޑައިގަންނަވާ އިތުރު 18 ބޭފުޅުން މާދަމާރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
Saudi Team Begins Arrival for Makkah Route Initiative Operations in Maldiveshttps://t.co/z0ZC3WwAIt pic.twitter.com/SbY8yXI63z
— Ministry of Islamic Affairs & Endowments (@MVIaffairs) May 10, 2026
ޙައްޖުވެރިންގެ ދަތުރު ލުއިފަސޭހަކޮށްދިނުމަށް ސަޢުދީ ސަރުކާރުން ކުރިއަށްގެންދާ "މައްކާ ރޫޓު އިނީޝިއޭޓިވް" ރާއްޖޭގައި ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ 1446 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ޚިދުމަތުގެ ސަބަބުން ދިވެހި ޙައްޖުވެރިން ސަޢުދީއަށް އެތެރެވުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ސަޢުދީގެ އިމިގްރޭޝަން ފުރިހަމަކުރެވޭނެއެވެ. މީގެ އިތުރުން ޙައްޖުވެރިންގެ ފޮށިތައް ސީދާ އެ މީހަކު ހުންނަ ހޮޓަލަކަށް ގެންގޮސްދޭތީ، ޖިއްދާ އެއާޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ.
މި ޚާއްޞަ ޚިދުމަތް ރާއްޖެއަށް ލިބިފައިވަނީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ސަޢުދީގެ ކަމާބެހޭ އިދާރާތަކާއެކު ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިއީ ސަޢުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ދިވެހި ރައްޔިތުންނަށް ބަހައްޓަވާ ގާތްކަމުގެ ރަމްޒެއްކަން ދިވެހި ސަރުކާރުން ފާހަގަކުރައްވައެވެ.
މިއަހަރުގެ ޙައްޖު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖެއިން ޙައްޖަށްދާ މީހުން އުފުލުމަށް ޖުމްލަ 4 ފްލައިޓް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން %50 މީހުން ދަތުރުކުރާނީ ސައުދިއާ އެއާލައިންގައެވެ. އަދި ބާކީ %50 މީހުން ދަތުރުކުރާނީ ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގައެވެ.
ޙައްޖުވެރިންނަށް ބޭނުންވާ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި، ޙައްޖު މިޝަންއާއި ޙައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމުތައް މިހާރު ވެސް ސަޢުދީ ޢަރަބިއްޔާގައި ހަރަކާތްތެރިވަމުންދާކަން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.