ޚަބަރު
މީޑިއާއަކީ ދައުލަތުގެ ބާރުތައް ގުޅުވައިދޭ "ހަތަރުވަނަ ބާރު": ރައީސް
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު -- ފޮޓޯ : ޕީއެސްއެމް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ދައުލަތުގެ ވަކިވެފައިވާ ބާރުތައް ގުޅުވައިދިނުމުގެ އެންމެ މުހިންމު ދައުރު އަދާކުރަނީ މީޑިއާ ނުވަތަ "ހަތަރުވަނަ ބާރު" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހައި ނޫސްވެރިންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
އެމަނިކުފާނުގެ ޚިޠާބުގައި، ދައުލަތެއްގެ ދެމިއޮތުމަށާއި، ޑިމޮކްރެސީގެ ހަމަތައް ނެގެހެއްޓުމުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ދައުލަތުގެ ބާރުތައް ޒިންމާދާރުކުރުވުމާއި، ރައްޔިތުންނަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި މީޑިއާއަކީ ކޮންމެހެން ބޭނުންތެރި ވަސީލަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި، ނޫސްވެރިންނަށް މަސައްކަތްކުރެވޭނެ އަމާން މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި ނޫސްވެރިންގެ މަސައްކަތްތައް ބައްޓަންކުރުމުގައި އިސްލާމީ ރިވެތި އަދަބުތަކާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް އިޙްތިރާމްކުރުމަކީ ނުހަނު މުހިންމު ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީޑިއާތައް ބާރުވެރިކުރުވުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، މިހާރު ވަނީ މީޑިއާތަކަށް ދައުލަތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ނޫސްވެރިންނާއެކު ވަގުތު ހޭދަކުރައްވައި، އެފަރާތްތަކާއިއެކު ގާތް ގުޅުމެއް ގާއިމު ކުރުމަށް ނޫސްވެރިންނާއި އެކު 14 ގަޑިއިރު ހޭދަ ކުރައްވާފައެވެ.
ސަރުކާރުގެ ހާމަކަން ބޮޑުކުރުމުގެ ސިޔާސަތުގެ ދަށުން، ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ރައީސް އޮފީހުގައި މީޑިއާތަކާ ބައްދަލުކޮށް މަޢުލޫމާތު ދިނުމުގެ ސިލްސިލާ ބައްދަލުވުންތަކެއް ދަނީ ބާއްވަމުންނެވެ. އަދި ނޫސްވެރިންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ވަޒީރުންވެސް ދަނީ ރައީސް އޮފީހުގައާއި އެކި މުއައްސަސާތަކުގައި ގަވާއިދުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންނެވެ.