ޚަބަރު
ފައްޔާޒުގެ މުސާރައަށް 4 މިލިއަން ހޭދަވި ގޮތް ހާމަކުރަން މީކާއިލް ގޮވާލައިފި
މީކާއީލް ނަސީމް -- ފޮޓޯ : މޯލްޑިވްސް ޜިޕަބްލިކް
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލުގެ މުސާރައަށް ހަތަރު މިލިއަން ރުފިޔާ ހަރަދުވި ގޮތުގެ ތަފްސީލު ހާމަކުރުމަށް، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ގޮވާލައްވައިފިއެވެ.
ފައްޔާޒް އިސްމާއީލްގެ މުސާރައަށް ހަތަރު މިލިއަން ރުފިޔާ ހަރަދުވި ގޮތުގެ ތަފްސީލު ހޯދުމަށް ގޮވާލައްވައި، ޕާޓީގެ ހިންގުމަށް ފާޑުވިދާޅުވަމުން، މީކާއިލް ވިދާޅުވި ގޮތުގައި ނިމިދިޔަ ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ރަށްރަށަށް ކުރެއްވި ދަތުރުތަކުން އެނގިގެންދިޔައީ އާންމު މެންބަރުންގެ މެދުގައި ޕާޓީގެ ހިންގުމާ މެދު އޮތް ބޮޑު ނުތަނަވަސްކަމެވެ. ހާއްސަކޮށް ޕާޓީއަށް ލިބޭ ފައިސާއަށް ވާނުވާ އެނގެން މެންބަރުން ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީކާއިލް ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބާ ހަމައަށް އެމްޑީޕީއަށް ބޮޑެތި އަދަދުތަކުން ފައިސާ ލިބިފައިވާއިރު، ޕާޓީގެ މެންބަރުންގެ އަދަދު ވެސް އޭރު އޮތީ ވަރަށް މަތީގައެވެ. ނަމަވެސް އެ ފައިސާ ހަރަދު ކުރެވުނު ގޮތާ މެދު މެންބަރުންގެ ހިތުގައި ސުވާލުތަކެއް އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ ޒައާމަތެއްގައި ޕާޓީގެ މާލީ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް މީކާއިލް ދެއްވިއެވެ.
މީކާއިލްގެ މި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މިހާރުގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވަނީ އެކްސްގައި ރައްދު ދެއްވާފައެވެ. އިބްރޭ ވިދާޅުވީ އެމްޑީޕީއަކީ ގަވާއިދުން އޮޑިޓްކޮށް، ރިޕޯޓްތައް އާންމުކުރާ ޕާޓީއެއް ކަމަށާއި، އާންމުކޮށްފައިވާ ރިޕޯޓްތައް ބެއްލެވުމަށް މީކާއިލްގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. ފައްޔާޒް އިސްމާއީލް ވެސް ވަނީ އެ ރިޕޯޓްތައް ބެއްލެވުމަށް މީކާއިލަށް އިރުޝާދު ދެއްވާފައެވެ.
މި ރައްދުތަކަށް ރައްދު ދެއްވަމުން މީކާއިލް ވިދާޅުވީ، އަހަރަކު އެއްފަހަރު ނެރޭ އޮޑިޓް ރިޕޯޓަކުން މެންބަރުންގެ ހިތްހަމަޖެހުމެއް ނުލިބޭނެ ކަމަށެވެ.
"މުސާރައަށް 4 މިލިއަން ރުފިޔާ ހަރަދުވީ ކިހިނެއް ކަމާއި، ޕާޓީގެ ހަރުމުދަލުގެ ތަފްސީލު މެންބަރުންނަށް އެނގެން ޖެހޭ. ޕާޓީގެ އާންމު މެންބަރުން ބުނަމުންދަނީ މި ޕާޓީ ހިންގައެއް ނުލެވުނޭ ބަދަލު ކުރާށޭ!.". މީކާއިލް ވިދާޅުވިއެވެ.
މީކާއިލްގެ މި ވާހަކަތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ގަދަވެ، ޕާޓީގެ ހިންގުމާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ވަނީ އިތުރަށް ހާމަވެގެން ގޮސްފައެވެ.
ފައްޔާޒު މިހާރު ހުންނެވީ ރައީސް ނަޝީދުގެ ފެކްޝަނުގައި، ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ގެނައުމަށް މަސައްކަތްފަށާފައެވެ.
ޕާޓީގެ ތެރޭގައި ކޯޅުންގަނޑު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެ ޕާޓީއިން ދަނީ ޗެއާޕާސަންގެ އިންތިހާބަށް ފައިސާގެ އެހީތެރިކަމަށް ރައްޔިތުންގެ އެހީތެރިކަމަށް އެދެމުންނެވެ.