ޚަބަރު
އައިއޯޓީސީގެ 30 ވަނަ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެ
އައިއޯޓީސީގެ 29 ވަނަ ބައްދަލުވުން/ފޮޓޯ: އޯޝަން އިކުއިޓީ ރިސާޗް
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 30 ވަނަ ބައްދަލުވުން މިމަހުގެ 4 އިން 15 އަށް ދިވެހިރާއްޖޭގައި ހުންނަ ބާސެލޯ ނަސަންދުރާގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
މި ބައްދަލުވުންތަކުގައި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ 30 ވަނަ ބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ މުހިންމު ފުރުޞަތެއް ކަމަށެވެ. ހަމަ އެހެންމެ، މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މިފަދަ ފުރުޞަތެއް ރާއްޖެއަށް ލިބިގެން މި ދިޔައީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން މި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. އަދި މިފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، މިކަމުގެ ސަބަބުން މަސްވެރި ސިނާއަތަށް މިކަމުން ކުރާނެ ފައިދާއާއި މިކަމުގެ މުހިންމުކަމުން ކަމަށާއި، މި ބައްދަލުވުން ބޭއްވުމަށް ހުރިހާ ޚަރަދެއްވެސް ސަރުކާރުންކުރާކަމީ މިކަމުގެ މުހިންމުކަން ހާމަކޮށްދޭކަމެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އައިއޯޓީސީގެ މައި ބައްދަލުވުމުގެ އިތުރުން، އައިއޯޓީސީގެ ދަށުން ހިންގާ މުހިންމު އެހެނިހެން ކޮމިޓީތަކުގެ ބައްދަލުވުންތައް ވެސް ދިވެހިރާއްޖޭގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
އެ ބައްދަލުވުންތަކުގެ ތެރޭގައި:
- އައިއޯޓީސީގެ ކޮމްޕްލަޔަންސް ކޮމިޓީގެ 23 ވަނަ ބައްދަލުވުން
- އައިއޯޓީސީގެ އިދާރީ އަދި މާލީ ކަންކަމާ ބެހޭ ކޮމިޓީގެ 23 ވަނަ ބައްދަލުވުން
- އައިއޯޓީސީގެ މެނޭޖްމަންޓް ޕްރޮސީޖަރސްއާ ބެހޭ ޓެކްނިކަލް ކޮމިޓީގެ 10 ވަނަ ބައްދަލުވުން
މިއީ އައިއޯޓީސީގެ ކޮމިޝަން ބައްދަލުވުމެއް ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރަށްވީއިރު، މިފަދަ މުހިންމު ބައްދަލުވުންތަކެއް ރާއްޖޭގައި ބޭއްވުމަކީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި، އެ ދާއިރާ ހިންގާ ބެލެހެއްޓުމުގައި ރާއްޖެއިން އަދާކުރާ އިސްދައުރު ހާމަކޮށްދޭ ކަމެއްކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.
އައިއޯޓީސީއަކީ، އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި، އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުޞޫލުތަކުގެ ދަށުން އެ ވަޞީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ އިދާރާއެވެ.