ޚަބަރު
ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރަށް ނުގޮސް، ކާޑު ބޭނުންނުކުރެވޭ ގޮތަށް ބީއެމްއެލް އިން ހަދަނީ
ބީއެމްއެލްގެ އެމްޑީ އަދި ސީއީއޯ މުޙައްމަދު ޝަރީފް. ފޮޓޯ: ދަ ސްޓޭންޑަޑް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައް ބޭނުންކޮށްގެން ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަމަލުކުރާ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރަށް ނުގޮސް، އެހެން މީހެއްގެ އަތަށް ކާޑު ދީގެން ބޭރުގައި މުއާމަލާތް ކުރުން ހުއްޓުވުމަށް އާ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށެވެ.
މި ނިޒާމު ހަމަޖެއްސުމަށްޓަކައި ބީއެމްއެލް އިން ވަނީ މޯލްޑިވްސް އިމިގްރޭޝަނާއެކު ޑިޖިޓަލް އިންޓަގްރޭޝަނެއް ގާއިމްކޮށްފައެވެ. މީގެ ސަބަބުން، ކާޑުގެ ވެރިފަރާތަކީ ރާއްޖެއިން ބޭރުގައި ހުރި މީހެއްކަން ކަށަވަރުވުމުން ނޫނީ، ބޭރުގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކުގައި އެ ކާޑެއް ބޭނުން ނުކުރެވޭނެއެވެ.
ޝަރީފް ވިދާޅުވި ގޮތުގައި މި ނިންމުން ނިންމަން ޖެހުނީ ބޭރު ފައިސާ ބޭނުންކުރެވޭ ލިމިޓުގެ ނާޖައިޒު ފައިދާ ބައެއް ފަރާތްތަކުން ނަގަމުންދާތީއެވެ.
"ބޭންކުން ޑޮލަރު ގަންނަން ލިބޭ މިންވަރަށް ވުރެ، ކާޑުތަކުން ޑޮލަރު ވިއްކޭ މިންވަރު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައި. އެހެންކަމުން، ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް، ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެ މަގު ފަހިކުރުމަކީ މުހިންމު ކަމެއް،" ޝަރީފް ވިދާޅުވިއެވެ.
މި އައު ބަދަލާއެކު، ކާޑުގެ ވެރިފަރާތް ރާއްޖޭގައި ހުންނަ އިރު، އެހެން މީހަކު އެ ކާޑު ބޭރަށް ގެންގޮސްގެން އެއްވެސް މުއާމަލާތެއް ނުކުރެވޭނެއެވެ. ކާޑުގެ ފޮރިން ސްޕެންޑިންގ ލިމިޓް އެކްޓިވް ވާނީ ހަމައެކަނި ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުންނަ ވަގުތުތަކުގައެވެ.
މީގެ އިތުރުން، އޮންލައިންކޮށް ވިޔަފާރިކުރާ ބައެއް ބޭރުގެ ވެބްސައިޓުތަކަށް ވެސް ބޭންކުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ހާއްސަކޮށް ޓީމޫ އަދި ޝީއިން ފަދަ ސައިޓުތަކުން ވިޔަފާރި ބޭނުމަށް ގިނަ އަދަދަކަށް މުއާމަލާތް ކުރަމުންދާތީ، އެފަދަ ސައިޓުތަކަށް ދުވާލަކު ހޭދަކުރެވޭނެ ވަކި ބަޖެޓެއް މިހާރު ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، އެހެން ބޭނުންތަކަށް ބޭނުންކުރާ އާންމު ވެބްސައިޓުތަކުގެ ލިމިޓަށް މިވަގުތު އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.
މި ފިޔަވަޅުތަކަކީ ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ޑޮލަރުގެ ހަމަހަމަ ނިޒާމެއް ގާއިމްކުރުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބޭންކުން ސިފަކުރެއެވެ.