ޚަބަރު
ބީއެމްއެލް އިން އޭޕްރީލް މަހުގެ ނިޔަލަށް މަހަކަށް 74 މިލިއަން ޑޮލަރު ކާޑުގެ މުޢާމަލާތްތަކަށް ވިއްކާ ފައިވޭ
ބޭންކް އޮފް މޯލްޑިވްސްގެ އެމްޑީ މުޙައްމަދު ޝަރީފް. ފޮޓޯ:ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ކާޑުގެ މުޢާމަލާތްތަކަށް މަހަކު އެވްރެޖްކޮށް 74 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މިއީ 2025 ވަނަ އަހަރު މަހަކަށް ވިއްކި 47 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ޓީޓީ މެދުވެރިކޮށް ވިއްކި ޑޮލަރުގެ އަދަދު ދެގުނަ އިތުރުވެފައި
ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޓީޓީ (TT) މެދުވެރިކޮށް ވިއްކި ޑޮލަރުގެ އަދަދު ވެސް ވަނީ 2025 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރުވެފައެވެ. އެގޮތުން 2025 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 15 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2026 ވަނަ އަހަރު މި އަދަދު ވަނީ 34 މިލިއަން ޑޮލަރަށް އުފުލިފައެވެ. މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ޖުމްލަ 40,944 ޓީޓީއަށް ބޭންކުން ވަނީ ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިއަހަރުގެ ފުރަތަމަ ހަތަރު މަހު ޓީޓީއަށް ޑޮލަރު ދޫކުރި މިންވަރަށް ބަލާއިރު، ޖަނަވަރީ މަހު 35 މިލިއަން ޑޮލަރު (10,838 ޓީޓީ)، ފެބްރުއަރީ މަހު 34 މިލިއަން ޑޮލަރު (10,551 ޓީޓީ)، މާރިޗު މަހު 37 މިލިއަން ޑޮލަރު (10,600 ޓީޓީ) އަދި އޭޕްރީލް މަހު 30 މިލިއަން ޑޮލަރު (8,955 ޓީޓީ) ވަނީ ދޫކޮށްފައެވެ.
ކާޑުތަކުގެ ބޭނުންކުރުމާއި ރާއްޖެއަށް ވަން ފައިސާ
މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަށް ޖުމްލަ 160 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ މަހަކު އެވްރެޖްކޮށް 40 މިލިއަން ޑޮލަރެވެ. ހަމައެއާއެކު، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު ވެސް ވަނީ އިތުރުވެފައެވެ. 2025 ވަނަ އަހަރުގެ އޭޕްރީލްގެ ނިޔަލަށް 1.26 ބިލިއަން ޑޮލަރު ރާއްޖެއަށް އައިސްފައިވާއިރު، 2026 ވަނަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 1.58 ބިލިއަން ޑޮލަރަށް އަރާފައެވެ.
ބޭރަށް ފޮނުވި ފައިސާ އާއި ކްރޮސްބޯޑަރ މުޢާމަލާތްތައް
ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ އޭޕްރީލްގެ ނިޔަލަށް 1.45 ބިލިއަން ޑޮލަރު ފޮނުވާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ފޮނުވި 1.03 ބިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. މީގެ އިތުރުން ކްރޮސްބޯޑަރ ޓްރާންސެކްޝަންތަކަށް ބަލާއިރު، ރާއްޖެއިން ބޭރުން 306 މިލިއަން ޑޮލަރު އައިސްފައިވާއިރު، ރާއްޖެއިން ބޭރަށް 414 މިލިއަން ޑޮލަރު ވަނީ ފޮނުވާފައެވެ.