Ads by Farudhun

ޚަބަރު

ރާއްޖޭގެ އިތުރު 9 ސަރަޙައްދަކުން މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ރާއްޖޭގެ އިތުރު 9 ސަރަޙައްދަކުން މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

މިނިސްޓަރު ޝިޔާމް -- ފޮޓޯ : ޕީއެސްއެމް

02 މޭ 2026، 10:17

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، އިތުރު ނުވަ ސަރަޙައްދަކުން މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުތަކުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މީގެ ކުރިން ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދެމުންދިޔަ ފެލިވަރު، އައްޑޫ، ކޫއްޑޫ، ހިންމަފުށި އަދި ހުޅުމާލެ ޖެޓީގެ އިތުރުން، މިހާރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމްކޮށްފައިވާ އެފް.އެސް.އެމްގެ 9 ސްކިޑަކުންވެސް މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ލިބޭނެ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މަސްވެރިކަން މިވަގުތު ރަނގަޅު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ލ. އަތޮޅު، ތ. އަތޮޅު އަދި މ. އަތޮޅުގެ މަސްވެރިންނަށްވެސް މި ލުއިފަސޭހަކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ބާރުސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.

"އިރާދަކުރެއްވިއްޔާ މި ހަފްތާގެ ތެރޭގައި އެ ތިން އަތޮޅުގެ މަސްވެރިންނަށްވެސް ތެލުގެ އަގަށް މި ގެނައި ބަދަލުގެ ފައިދާ ލިބިގެންދާނެ ގޮތް ހެދުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" ޝިޔާމް ވިދާޅުވިއެވެ.

މި ނިންމުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އޭގެ ސަބަބުން ދިވެހި މަސްވެރިންނަށް އުފުލަންޖެހޭ މާލީ ބުރަ ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދުގެ ދަށުން ނިންމެވި ނިންމެވުމެކެވެ. ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ބާޒާރުގެ ހަލަބޮލިކަމުގެ ތެރެއިންވެސް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމެވެ.

މިދިޔަ މާޗް މަހުން ފެށިގެން މިފްކޯގެ ސައިޓްތަކާއި އެފް.އެސް.އެމްގެ ބައެއް ޝެޑްތަކުން ހެޔޮއަގުގައި ޑީސަލް ވިއްކަން ފަށާފައިވާއިރު، މި ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ސަބަބުން މަސްވެރި އުޅަނދުފަހަރުގެ އޮޕަރޭޝަނަލް ޚަރަދު ކުޑަވެ، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް މިނިސްޓްރީން އުންމީދު ކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450